ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެެވެ.

މިބައްދަލުވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ފީވަކު ކައުންސިލުން ވަނީ، އެރަށް ޢުމުރާނީ ގޮތުންނާއި އިޤުތިޞާދީ ގޮތުން އަދި، އިޖުތިމާޢީ ގޮތުން ތަރައްޤީވާން ފަށާފައި ވަނީ މިސަރުކާރުގެ މިފާއިތުވި 4 އަހަރުގެ ތެރޭގައިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އަށާއި، ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. އަދި ފީވަކުގެ ތަރައްޤީއަށްޓަކައި ވަޢުދެއް ވެވަޑައިގެންނެވި، ހަމައެކަނި ވެރިއަކީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށާ، ރައީސުލްޖުމްހޫރިއްޔާވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ތަރައްޤީގެ މަޝްރޫއުތައް ހިނގަމުންދާކަމަށާ އަދި ބައެއް މަޝްރޫއުތައް ނިމިފައިވާކަން ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. އަދި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކައުންސިލްތައް އުފެއްދުމަށްފަހުގައި، ފީވަކުގެ ތަރައްޤީ އާއި ގުޅޭ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރުމުގެ ފުރުޞަތެއް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ލިބިފައި ނެތްކަންވެސް ކައުންސިލް މެމްބަރުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުން ފީވަކުގައި ކުރިޔަށް ގެންދާ ކަންކަން ފީވަކުގެ ރައްޔިތުން ބަލައިގެންފައިވުމުން އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ފީވަކު ކައުންސިލުން ވަނީ، މިހާރު އެ ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އޭގެ ތެރޭގައި އެރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާ، ރަށްގިރުމުގެ މައްސަލަ ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ކަނޑައަޅައި އެސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތާ ، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި ބައްލަވައިދެއްވާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.