ކަރާޓޭގައި ކުރިއަރަމުން އަންނަ ޒޯހާ އަޒްކާ އަހުމަދު

ރާއްޖެއަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދޭ ކުދިންގެ ތެރޭގައި ޒޯހާ އަޒްކާ އަހްމަދަކީ ރާއްޖެއަށް ރަން މެޑަލް ގެނެސްދީފައިވާ ތަފާތު ހުނަރެއްގައި ކުރިއަރަމުން އަންނަ ކުއްޖެކެވެ.

މިއީ ދާދިފަހުން އިންޑިއާގައި ބޭއްވި އޭޝިއަން ކަރާޓޭ އެންޑް ސިލަމްބަމް ޗެމްޕިއަންޝިޕްގައި 734 ބައިވެރިންނާ ވާދަކޮށް ރަން މެޑަލް އާއި ޓްރޮފީ ރާއްޖެ ގެނައި ކަރާޓޭ ތަރިއެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގައި ތައުލީމު ހާސިލް ކުރަމުންދާ 13 އަހަރުގެ ޒޯހާގެ އަށް މިހާރު ހުރީ ކަރާޓޭ ދެވޭ އެންމެ މައްޗަށަށް ދިއުމުގެ އަޒުމުގައެވެ.

ކަރާޓޭގެ ތެރެއަށް ޒޯހާއަށް ވަދެވުނުގޮތް ޖަޒީރާއެމްވީ އާއި ހިއްސާކުރަމުން ޒޯހާ ބުނީ އެންމެ ފުރަތަމަ ކަރާޓޭގައި ބައިވެރިވީ މަޖަލަކަށް ކަމަށެވެ. އޭރު ޒޯހާގެ އުމުރުން 7 އަހަރެވެ.

"ރައްޓެހި ކުއްޖަކު ކަރާޓޭގައި އެންމެ ފުރަތަމަ މަޖަލަކަށް ދަސްކުރަން ފެށީ. ސުކޫލުގައި ކަރާޓޭ ކުލަބުގައި ބައިވެރިވާން ނަން ނޯޓް ކުރީ. ގްރޭޑް 1 ގައި ނަން ނޯޓް ކޮށްގެން ގްރޭޑަކަށް 2 އަށް ބަދަލުވި ފަހުން" ކަމަށް ޒޯހާ ބުންޏެވެ.

ޒޯހާއަށް ކަރާޓޭ އިން އެންމެ ފުރަތަމަ ލިބުނު ކާމިޔާބީ އަކީ ހުދު ބެލްޓެވެ. ހުދު ބެލްޓަކީ ފަށައިގަންނަ ލެވެލްގައި އެންމެ ފުރަތަމަ ލިބޭ ބެލްޓެވެ. އެހެން ކުދިންނެކޭ އެއްގޮތަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަރާޓޭގެ އަސާސީ އުކުޅުތައް އޭނާ ދަސްކުރިއެވެ.

އާންމު ދިރިއުޅުމުގައިވެސް އަމިއްލަ ނަފްސުގެ ރައްކާތެރިކަމަށް ކޮންމެހެން އެނގުން މުހިންމު ހަރަކާތްތަކާއި އުކުޅުތައް ދަސްކުރުމަށް އެއް ދުވަހުން އަނެއް ދުވަހަށް ޒޯހާގެ ޝައުގުވެރިކަން އިތުރުވިއެވެ.

ކަރާޓޭގައި އުޅޭ އިރު ސިކުނޑިއަށް އިތުރު ލުއިކަމެއް ލިބޭ ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވޭ. އަދި ފަހުން ފާހަގަ ކުރެވުނު ކިޔެވުމަށް ފޯކަސް ކުރެވޭ މިންވަރު އިތުރުވިކަން. ކިޔެވުން އެކަންޏެއް ނޫން އަޅުގަނޑުގެ ޕާސަނަލިޓީއަށްވެސް ފާހަގަކުރެވޭ ވަރުގެ ބަދަލުތައް އަންނަން ފެށި ކަރާޓޭގައި ބައިވެރިވިފަހުން"

މިއީ ޒޯހާއަށް ތަޖްރިބާ ކުރެވުނު ބައެއް ކަންތައްތަކެވެ. ޒޯހާ ބުނީ ކަރާޓޭގައި ބައިވެރިވި ފަހުން ޖެހިލުމެއް ނެތި ކަންކަމާއި ކުރިމަތިލުމުގެ ހިތްވަރާއި ސެލްފް ޑިފެންސް ނުވަތަ އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި އިތުރުވާން ކަމަށެވެ.

ޒޯހާގެ އޭނާގެ އެކުވެރިއަކާއެކު

މިވަގުތު ޒޯހާ އަކީ އެންމެ ފަހު މުށިކުލައިގެ ބެލްޓުގައި ތަމްރީނު ވަމުންދާ ކުއްޖެކެވެ. އެއީ ލެވެލް 3 ގެ މުށި ބެލްޓްތަކަށްފަހު ލެވެލް 4 ގެ ފުރަތަމަ މަރުހަލާގައި ލިބޭ މުށި ބެލްޓެވެ.

މިހާރު ޒޯހާ މަސައްކަތް ކުރަމުން އެދަނީ ކަޅު ބެލްޓް ހޯދުމަށެވެ. ކަޅު ބެލްޓަކީ ކަރާޓޭގައި މާސްޓާރ ލެވެލް އެވެ. އެކްސްޕާޓް ކަރާޓޭ އާޓިސްޓުންނަށް ލިބޭ ކަޅު ބެލްޓަށް އަމާޒު ހިފައިގެން ޒޯހާ ކުރާ މަސައްކަތުގެ މުގުލުގައި ހުރި އެކަކީ އޭނާގެ އިންސްޓްރަކްޓަރ ނުވަތަ ކަރާޓޭގައި މުހާތަބު ކުރާ ނަމުންނަމަ ސެންސެއި ރައްފާނީއެވެ.

ޒޯހާގެ އިންސްޓްރަކްޓަރ ރައްފާނީ ބުނީ އެހެން ކުދިންނެކޭ އެއްގޮތަށް ޒޯހާއަށްވެސް ކަރާޓޭގެ ލެވެލްތައް ދަސްކުރަން ގިނަ ދުވަސްތަކެއް ނެގި ކަމަށެވެ. އަދި ކޮންމެ ބެލްޓަކަށްވެސް ތަފާތު ކަރިކިއުލަމެއް އޮންނަ އިރު ޒޯހާ މުށި ބެލްޓާއި ހަމައަށްދާން 5 އަހަރު ނެގި ކަމަށެވެ.

"ކަރާޓޭގައި 26 ފައިޓިން ފޯމް އޮންނައިރު ޒޯހާ މިހާރު އެވަނީ ގާތްގަނޑަކަށް 20  ފައިޓިން ފޯމް ދަސްކޮށްފަ. މިހާރު އެހުރީ އެންމެ ފަހު ބްރައުން ބެލްޓްގަ. އެންމެ ފަހު ބެލްޓަކީ ކަޅު. އަދި 4 ވަރަކަށް މަސް ނަގާނެހެން ހީވަނީ ކަޅު ބެލްޓް ލިބެން. އޭގަ އޮންނާނީ ޒޯހާ މަސައްކަތް ކުރި ވަރެއް"

ޒޯހާ އާއި އޭނާގެ އެކުވެރިންނަށް އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕަށް ތައްޔާރުވާން ލިބުނު ތިން މަސް ދުވަހުގެ ތެރޭގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނެވެ. މުބާރާތް ފެށެން މަހަކަށް ވުމުން ކޮންމެ ދުވަހަކުވެސް ގަވާއިދުން ޕްރެކްޓިސްއަށް ހާޒިރުވަމުން ދިޔައެވެ.

އެ މުބާރާތުން ޒޯހާ ވަނީ ޓީމް ކާޓާއިން ރަން މެޑަލް އަދި ސްޕެރިން އިން ރަންމެޑަލް ހޯދާފައެވެ. އެ މުބާރާތުގައި އިންޑިވިޑުއަލް ކާޓާ އިން ޒޯހާއަށް ލިބުނީ ބްރޯންޒް މެޑަލްއެކެވެ.

ޒޯހާ އާއި އެކު އޭޝިއަން ކަރާޓޭ ޗެމްޕިއަންސިޕްގައި މެޑަލް ހޯދި ދަރިވަރުންނާއި އިންސްޓްރަކްޓަރ ރައްފާނީ އެޑިއުކޭޝަން މިނިސްޓަރާއެކު

ޒޯހާ އަށް ގިނަ ބައިވެރިންތަކަކާއި ވާދަކޮށްލުމަށް އެންމެ ފުރަތަމަ ލިބުނު މި ފުރުސަތާއި އެކު އޭނާގެ ޝައުގުވެރިކަން ކަރާޓޭއަށް އިތުރުވެއްޖެއެވެ.

މި ފުރުސަތު ހޯދައިދިން އިންސްޓްރަކްޓަ ޕާކިރު ރައްފާނީއަށް ޒޯހާ ޝުކުރު އަދާކުރެއެވެ. އަދި އޭނާގެ މަންމަ އާއި ބައްޕަ އަށްވެސް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށާއި، ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުން އެ ފުރުސަތު ފަހިކޮށްދިނުމުން ސުކޫލުގެ މެނޭޖްމެންޓަށް ޝުކުރު އަދާކުރިއެވެ.

ޒޯހާގެ މަންމަ ބުނީ ކަރާޓޭއަކީ ޒޯހާ އެންމެ ގަޔާވާ ކުޅިވަރު ނޫން ކަމަށެވެ. އެންމެ ކުރީންސުރެވެސް އެންމެ ކުރާހިތްވާ ކަމަކީ ބައިސްކަލު ދުއްވުން ކަމަށާއި އިތުރު ކުޅިވަރަކަށް އޭނާ ޝައުގުވެރިކަން ހުންނަނީ ބާސްކެޓް ބޯޅަ އަށް ކަމަށެވެ.

ޒޯހާގެ އިންސްޓްރަކްޓަރ ރައްފާނީ އާއި ޒޯހާގެ މަންމަ

އެހެންނަމަވެސް އިންޑިއާގައި އޮތް ކަރާޓޭ މުބާރާތަށް ދިޔަފަހުން ކުރިޔަށްވުރެ ބޮޑަށް މިކަމަށް ޝައުގުވެރިކަން އުފެދިއްޖެ ކަމަށް ޒޯހާގެ މަންމަ ފާހަގަ ކުރިއެވެ.

އިންޑިއާގައި އޮތް ސައުތު އޭޝިއަން ޗެމްޕިއަންޝިޕަށް ދިޔަފަހުން ޒޯހާ ވަރަށް އުޅޭ ހިތްވެއްޖެ މިކަމުގައި.  700 އަށްވުރެ ގިނަ ކުދިންނާއި އެ މުބާރާތް ބަލަން އެހާ ގިނަ ބަޔަކު ދިޔައީމަ އެހާ ބައިވަރު މީހުންގެ ތެރޭގައި ކުދިން އުޅޭ ގޮތް ފެނުނީމަ ވަރަށް ގަޔާވެއްޖެ ކަރާޓޭއާ"

ކޮވިޑް-19 އާއި ގުޅިގެން ކަރާޓޭ ކްލާސްތަކަށް ހާޒިރު ނުވެވި ގިނަ ދުވަސްތަކެއް މެދުކެނޑުނެވެ. އެހެންނަމަވެސް އެ ދުވަސްތައްވީ ޒޯހާއަށް އިތުރު ދޮރުތައް ހުޅުވިގެން ދިޔަ ދުވަސްތަކަކަށެވެ.

އެ ގޮތުން އޮންލައިން ކްލާސްތައް ނަގައިދޭ ބޭރުގެ ތަޖްރިބާކާރު ކޯޗުންގެ އެހީގައި ޒޯހާ އާއި އޭނާގެ އެކުވެރިން ދިޔައީ ކަރާޓޭގެ އާ ކަންތައްތައް ދަސްކުރަމުންނެވެ.

އަދި އޮންލައިން އިންޓަނޭޝަނަލް ސެމިނަރއެއްގައިވެސް ބައިވެރިވުމުގެ ފުރުސަތުވެސް ލިބުނެއެވެ. ސީނިއާ މާސްޓަރުން ތަކެއްގެ ފަރާތުން ކަރާޓޭއާއި ގުޅޭ އިތުރު މައުލޫމާތާއި ހުނަރު ދަސްވިއެވެ. އެ ސެމިނާރގައި ޕޯޗުގަލް، އިންގްލޭންޑް، އިރާން އާއި ސައުތު އެފްރިކާގެ ސީނިއާ މާސްޓަރުން ކިޔަވައިދިނެވެ.

މީގެ އިތުރުން ލޮކްޑައުންގެ ދުވަސްވަރު ޖަޕާނުގައި އޮތް 'އީ-ކަރާޓޭ ކޮމްޕެޓިޝަން' ގައި 2019 އަދި 2020 ވަނަ އަހަރު ޒޯހާ ބައިވެރިވިއެވެ. މި ދެ މުބާރާތުންވެސް ޒޯހާ ހޯދީ ރަންމެޑަލް އެވެ.

ޒޯހާގެ މަންމަ ބުނީ ކޮވިޑްގެ ދުވަސްވަރު ޒޯހާ ހުރިހާ ކުލާހަކަށް އޮންލައިންކޮށް ހާޒިރުވި ކަމަށެވެ. ކަރާޓޭގެ އިތުރުން ޒޯހާއަކީ ކިޔެވުމަށް ހާއްސަ ސަމާލުކަންދޭ ކުއްޖެއް ކަމަށްވެސް ފާހަގަ ކުރިއެވެ.

ކޮވިޑްތެރޭގައި މުޅި ތަން ހުސްކޮށްގެން ކަރާޓޭ ކްލާސްތަކުގައި ބައިވެރިވާނީ. ސޯފާއާއެއްޗެހި ދުރުކޮށް ބޮޑު ހުސްޖާގައެއް ހަދައިގެން. ކަރާޓޭގައި އުޅުނަސް ކިޔެވުމަށް ވަރަށް މަސައްކަތް ކުރާނެ. ގްރޭޑް އެކަކުން ފެށިގެން މިހާރުވެސް ކޮންމެ އަހަރަކު ކުލާހުން އެންމެ މޮޅު ފަސް ދަރިވަރުންގެ ތެރޭގައި ޒޯ ހިމެނޭ. 

 

 

 

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.