ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު

ޙިޔާލު ތަފާތުވުންތަކާއި އެކުވެސް އެކުގައި މަސައްކަތް ކުރެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން އެކި ދާއިރާތަކުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ މުދައްރިބުންނަށް އެ ފަރާތްތަކުގެ ކިޔަވައިދިނުމުގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން ހިންގި “އިންސްޓްރަކްޓަރ ޓްރޭނިންގ ކޯސް” ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާފުށީ ޖަލުގައި ބޭއްވި މި ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ ހުރިހާ އޮފިސަރުންނަށް ދޭންބޭނުންވާ އިލްތިމާސްއަކީ އެއްވެސް ކަމަކީ 100 އިންސައްތަ ވަރަށް ރަނގަޅުކަމެއްކަން އަމިއްލަ ސިކުނޑިއަށް ވިސްނޭނަމަ، އެކަމެއް ހާޞިލްކުރަން މަސައްކަތްކުރަން ވާނެކަމަށާއި އެ އަޒުމުގައި މަސައްކަތްކުރުމެވެ.

ކަންކަން ހާޞިލް ކުރެވޭނީ އެކަމަކަށް އޮންނަ ޝައުގުވެރިކަމެއްގެ ތެރެއިން ހިތްވަރަކާއި އަޒުމެއް ހުރެގެން ކުރެވޭ މަސައްކަތެއްގެ ތެރެއިންކަމަށާއި، ކޮންމެ ކަމެއްގެ ޙައްލަކީ މަތިން ތިރިއަށް ގެންދަންޖެހޭ ކަމެއް ކަމުގައި ނުދެކުމަށާއި، ތިރިން މައްޗަށްވެސް ކަންކަމުގެ ޙައްލު ހޯއްދެވިދާނެކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ސީޕީ އިތުރަށް ވިދާޅުވީ ޙިޔާލު ތަފާތުވުންތަކާއި އެކުވެސް އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތް ހޯދޭނެކަމަށެވެ.

އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް އިން ރާވާ އަދި ކުރިއަށްގެންދިޔަ  15 ދުވަހުގެ މި ކޯހުގެ މިއީ ފުރަތަމަ ބެޗެވެ.

މި ކޯހުގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ. ކޮމިޝަނަރގެ އިތުރުން މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އައިކޯސްޓްގެ ޑައިރެކްޓަރ ސުޕްރިންޓެންޑަންޓް މޫސާ އަންވަރު، މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑަންޓް އަޙްމަދު ޖާދުﷲ، ކޮމިޝަންޑް އޮފިސަރުންނާއި ޕްރޮގްރާމްގެ ދަރިވަރުން ބައިވެރިވިއެވެ.

ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުއެވެ. އަދި ކުރިން ހިންގާފައިވާ “ސެޓްފިކެޓް 3 އިން ލައިފްގަރޑް އެންޑް ސްވިމިންގ އިންސްޓްރަކްޓަރ ކޯސް” ގެ ދަސްވެނިންނަށްވެސް މި ރަސްމިއްޔާތުގައި ސެޓްފިކެޓް ޙަވާލުކުރެވުނުވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.