ރައީސް ސޯލިހު ގާދިއްފުށީ ކައުންސިލަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގެ ތެެރެއިން - ފައިލް ފޮޓޯ: ޖަޒީރާ

މ.ދިއްގަރު އަދި ތ.ގާދިއްފުށި ކައުންސިލުގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ޒުލައިޚާ އަޙްމަދާއި ޢަބުދުﷲ ޢާރިފް ހޯއްދެވި ކާމިޔާބީ އަކީ އެމްޑީޕީއަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

 ދިއްގަރާއި ގާދިއްފުށީ ކައުންސިލުގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާއިން އެ ދެ އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ދެ މެންބަރުންނަށް ރައީސް ވަނީ މަރުހަބާ ދަންނަވާފައެވެ.

އަދި އެ ދެ މެންބަރުންގެ ކެމްޕެއިނަށް އެހީތެރިވި މެންބަރުންނަށާއި ކެމްޕޭން ޓީމަށް މަރުހަބާ ދަންނަވާ ކަމަށްވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ. 

އިއްޔެގެ އިންތިހާބު ކާމިޔާބު ކުރެއްވި ޒުލެއިހާ އާއި އާރިފް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ބައި އިލެކްޝަންތަކުގައި އެމްޑީޕީގެ ދެ ކެންޑިޑޭޓުން ވާދަކުރީ  ސަރުކާރާއި އެންމެ ވާދަވެރި ޕާޓީ، ޕީޕީއެމް އާއެވެ.

އަންހެނުން މެންބަރު އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގައި އެމްއާރްއެމްގެ ކެންޑިޑޭޓެއްވެސް ވާދަކުރެއްވިއެވެ. އެހެންނަމަވެސް އޭނާއަށް ލިބުނީ އެންމެ ހަތަރު ވޯޓެވެ.

މ. ދިއްގަރު ކައުންސިލު މެންބަރަކު އިންތިހާބު ކުރުމަށް  ބޭއްވި ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ  ދައްކާގޮތުން  އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް، އާރިފަށް ލިބުނީ 375 ވޯޓެވެ.

އޭނާއާއި ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް އަބުދުލް ހަންނާން އަހުމަދަށް ލިބުނީ 320 ވޯޓެވެ.

ތ. ގާދިއްފުށީ ކައުންސިލުގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިހާ އަހުމަދަށް ލިބުނީ 210 ވޯޓެވެ.

އޭނާއާއި ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް، ހައްވާ އަބުދުލްހާދީ އަށް ލިބުނީ 201 ވޯޓެވެ.

ކައުންސިލްތަކުގެ ބައި އިލެކްޝަންތަކަކީ ސަރުކާރަށް ވަރަށް މުހިންމު އިންތިހާބުތަކެކެވެ. ސަރުކާރުން ކުރާ ކަންކަން ރައްޔިތުން ބަލައިގަންނަ މިންވަރު ހާމަ ކޮށްދޭ މިފަދަ އިންތިހާބުތަކުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ރައްޔިތުންގެ ތާއީދު ބޮޑު ޕާޓީ އެއް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *