ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީން ދިނުމަށްޓަކައި ގާއިމްކުރާ ހަބް ސްކޫލްތަކުގެ ތެރެއިން, ހުނަރާއި އީޖާދުގެ މަރުކަޒު - ފަންނު ވެށި ހުޅުވައިފިއެވެ.

ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންވެސް ހިމެނޭހެން ތަޢުލީމާއި ތަމްރީން ފޯރުވައިދިނުމަށް ގާއިމް ކުރާ ފަންނު ވެށި އިފްތިތާޙްކޮށް ދެއްވީ އެކަމަށްޓަކައި އިމާދުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ނާއިބު ރައީސް ފައިސަލް ނަސީމްއެވެ.

މިއީ ދިވެހިރާއްޖޭގެ ތަޢުލީމުގެ ގާނޫނުގައި ހިމެނޭ ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި ގާއިމުކުރެވިގެންދިޔަ މަރުކަޒެކެވެ. އަދި ތައުލީމީ ގާނޫނުގެ ދަށުން ރަސްމީތަޢުލީމުގެ ތެރެއިން ވޮކޭޝަނަލް އެޑިޔުކޭޝަން ތަޢާރަފް ކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅުވެސް މެއެވެ.

ފަންނު ވެށީގެ ދަށުން ރޭގައި އިފްތިތާހު ކުރެވިގެންދިޔަ 4 ޕްރޮގްރާމަކީ ކެއްކުމުގެ ހުނަރު ދަސްކޮށްދިނުމަށް ގާއިމްކުރެވުނު “ކައްކާވަތި” ، ބިޔުޓީތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމްކުރެވުނު “ނަލަވަތި” އަދި ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމު ކުރެވިފައިވާ “ޓެކްވަތި” އާއި ފެހުމުގެ ހުނަރު ދަސްކޮށްދިނުމަށް ގާއިމުކުރެވުނު “ފަހާވަތި” މި 4 ޕްރޮގްރާމެވެ. މީގެ އިތުރުންވެސް ކުރިމަގުގައި އިތުރު ފަންނުތައް ދަސްކޮށްދިނުމުގެ މަސައްކަތް މި ފަންނު ވެށިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ފަންނު ވެށިން ދަސްވެނިވާ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓިފިކެޓް ލެވެލް 3 ގެ ސަނަދާއެކު ދަސްވެނިވާ ދަރިވަރުންނެވެ. މިފަންނުތަކުގައި އުނގެނޭ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ފޯރުކޮށްދިނުންވެސް އޮވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.