ހއ. ދިއްދޫގައި 75 ރޯހައުސް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.
ދިއްދޫގައި ރޯހައުސް އެޅުމަށް ހަވާލުކުރީ، އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން ނަސީމެވެ. އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝާހިދުއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ މި މަޝްރޫޢުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސްކަމަށާ އޭގެތެރެއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓިންގ ރޫމާއި ބަދިގޭގެ އިތުރުން ކާގެއާއި ލޯންޑްރީ އަދި ސްޓޯ ރޫމެއްވެސް ހިމެނޭކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތުގެ ވަށާފާރާއި ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ޤާއިމް ކުރުމަށްޓަކާ ޔުނިޓްތައް ވަށައިގެން އަލިކުރެވިގެންދާނެއެވެ. އަދި ޕާކެއްގެ އިތުރުން ވެހިކަލް ޕާކު ކުރާނެ ސަރަޙައްދެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމް ކުރެވިގެންދާނެއެވެ.

ދިއްދޫގައި ރޯހައުސް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 120405400.00 (ސަތޭކަ ވިހި މިލިއަން، ހަތަރު ސަތޭކަ ފަސް ހާސް، ހަތަރު ސަތޭކަ) ރުފިޔާގެ މަޝްރޫޢެކެވެ.

މި މަސައްކަތް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.