ކިއުބާގެ މަޓަންޒާސް ބަނދަރުގައި އަލިފާން ރޯވެފައި - ފޮޓޯ: އޭޕީ

ކިއުބާގެ ތެޔޮ ރައްކާކުރާ ބަނދަރެއްގައި ހުކުރު ދުވަހު ރޯވި އަލިފާންގަނޑު ފަސް ދުވަސް ފަހުން އެއްކޮށް ނިންވާލާފައިވާއިރު 17 މީހުން ގެއްލިއްޖެއެވެ.

މި ހާދިސާގައި ގެއްލިފައިވާ 17 މީހުންނަކީ އެތަނުގައި ހަރަކާތްތެރިވި އަލިފާން ނިންވާ އޮފިޝަލުން ކަމަށް ކިއުބާއިން ބުނެއެވެ. ތެޔޮ ޓޭންކަރުތަކުގައި 3 ގޮވުމެއް ގޮވާ 80 މީހުންނަށް އަނިޔާވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގި މަޓަންޒާސް ސިޓީގެ ބަނދަރުގައި ތެޔޮ ރައްކާކުރާ ވަސީލަތްތަކުގެ ތެރެއިން 40 އިންސައްތަ ވަނީ އަނދައިގެން ގޮސްފައެވެ. މި ބަނދަރުގައި އަލިފާން ރޯވީ ހުކުރު ދުވަހު އެތަނުގައި ހުރި ޓޭންކަކަށް ހޮނުއެޅުމުގެ ސަބަބުންނެވެ. އެ ޓޭންކުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލުން ނެއްޓި ކުޑަ އިރުކޮޅެއްގެ ތެރޭގައި ދެވަނަ ޓޭންކާއި ހަމައަށް ހުޅުގަނޑު ފެތުރުނެވެ.

މި ބަނދަރުގައި ހުންނަ ބޮޑު 10 ޓޭންކުގައި ރައްކާކުރާ ތެލަކީ ކިއުބާއަށް ކަރަންޓް ފޯރު ކޮށްދިނުމަށް ބޭނުން ކުރާ ތެލެވެ.

ކިއުބާގެ އިންޓީރިއާ މިނިސްޓްރީން ބުނީ އަންގާރަ ދުވަހު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ ކަމަށާއި އަލިފާން ނިއްވުމުގައި ހެލިކޮޕްޓަރުތަކާއި އަލިފާން ނިންވާ ކަނޑު އުޅަނދުތައް ހަރަކާތްތެރިވި ކަމަށެވެ. އަލިފާން ނިންވާ އާލާތްތަކާއި އެކު މެކްސިކޯއިން ވެސް އަލިފާން ނިންވާ ދެ ބޯޓު ފޮނުވިއެވެ.

މި ހާދިސާގައި އަނދައިގެން ދިޔައީ ކިހާ މިންވަރެއްގެ ތެލެއްކަމެއް އަދި އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެސަރަހައްދުގެ މޫދަށް ތެރޮއެޅި ތަޣައްޔަރުވީކަމުގެ ރިޕޯޓެއްވެސް ލިބިފައެއް ނުވެއެވެ.

އެހެންމަވެސް ދުން ބޯވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ސަމާލުވެ ފޭސް މާސްކް އެޅުމަށާއި ދުން ބޯވި ސަރަހައްދުން އެސިޑް ވާރޭ ވެހުމުގެ ފުރުސަތު އޮތުމުން އެކަމަށް ރައްކާތެރިވެ ތިބުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.