މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީތަކާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ސައްހަ ނޫން ޑޮލަރު ވިއްކަމުންދާތީ މިކަމަށް ރައްޔިތުން އިތުރަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއވެ.

ފުލުހުން ބުނީ 2021 ވަނަ އަހަރުން ފެށިގެން 2022ގެ މިހާތަނަށް ހިންގާފައިވާ މިފަދަ މުއާމަލާތްތަކާ ގުޅޭ 10 މައްސަލައެއް އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅިފައިވާ ކަމަށެވެ.

ސައްހަނޫން ފައިސާގެ މައްސަލަތައް ބަލައި ތަހުގީގުކުރާ އެއް ޑިޕާޓްމަންޓްކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ހިންގަމުން އަންނަ ތަހުގީގުތަކުން ފާހަގަވެފައި ވަނީ މި އަމަލު ދެ ގޮތަކަށް ހިންގާކަމަށެވެ.  މިފަދަ މުއާމަލާތްތަކާ ގުޅިގެން މިހާތަނަށް 272،000 އެއްހާ ދިވެހި ރުފިޔާ ރައްޔިތުންގެ އަތުން އޮޅުވާލައިގެން ހޯދާފައިވެއެވެ.

މި އަމަލު ހިންގާ ގޮތަށް ބަލާއިރު ވައިބަރ ކޮމިއުނިޓީތައް ކަމަށްވާ މަނީ އެކްސްޗޭންޖް، ކަރަންސީ އެކްސްޗޭންޖް، އެމް.އީ.އައި.އެލް އެކްސްޗޭންޖް  މެދުވެރިކޮށް ޑޮލަރުވިއްކާ ކަމަށް އިޝްތިހާރުކުރެއެވެ. މިގޮތުން ޑޮލަރު ގަންނަން ބޭނުންވާ ފަރާތާއި ޑޮލަރު ވިއްކާ ފަރާތާ ދެމެދު ޕްރައިވެޓްކޮށް މެސެޖު ބަދަލުކުރެއެވެ. އެއަށްފަހު ފައިސާ ގަނެވިއްކުމަށް ގަޑިއާއި ތަނެއް ހަމަޖައްސައެވެ. ތަހުގީގުތަކުން އެނގޭ ގޮތުގައި މިހާތަނަށް މިފަދަ ހުރިހާ މުއާމަލާތެއްވެސް ހިންގާފައި ވަނީ ރޭނގަޑުގެ ވަގުތުތަކުގައެވެ. ޑޮލަރު ވިއްކާކަމަށް މިފަދަ ކޮމިއުނިޓީތަކުގައި އިސްތިހާރު ކުރާއިރު އެހެން މީހަކަށް ހެދިގެން ޝަހުސު އޮޅުވާލައިގެން އެހެންމީހުންގެ ފޮޓޯ އާއި އައިޑީ ކާޑު ފޮޓޯ އާއި މައުލޫމާތު ބޭނުންކޮށްގެންވެސް މީހުންނަށް އޮޅުވާލާފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ޑޮލަރު ގަނެވިއްކުމުގައި ކަންކުރާގޮތް

ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތް ހިންގާ ދެފަރާތް އެއްބަސްވާ ތަނެއްގައި ބައްދަލު ކުރެވެއެވެ. ބައްދަލުވުމަށްފަހު، ޑޮލަރު ގަންނަން ބޭނުންވާ މީހާއާ (ވިކްޓިމްއާ) ޑޮލަރު ހަވާލުކުރުމުގެ ކުރިން ދިވެހި ރުފިޔާ ޑޮލަރު ވިއްކާ މިހާއާ (ސަސްޕެކްޓާ) ހަވާލުކުރުމަށް ޝަރުތުކުރެއެވެ. އެއަށްފަހު، ޑޮލަރު ގަންނަ މީހާއަށް ދޭ ޑޮލަރު ގުނަން ފެށުމުގެ ކުރިން ނުވަތަ ގުނަން ފެށުމުން، ޑޮލަރު ވިއްކަން އައި މީހާ ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ފިލައެވެ. މި ހާލަތުގައި ގިނަ ފަހަރަށް ޑޮލަރު ގަންނަން ބޭނުންވާ ފަރާތަށް ދީފައި ހުންނަނީ ސައްހަ ނޫން ޑޮލަރު ހިމެނޭ ގޮތަށް، ރުފިޔާ ދެއްކި އަދަދަށްވުރެ މަދުންކަން ފާހަގަކުރެވިފައިވެއެވެ.

މީގެއިތުރުން، ޑޮލަރު ވިއްކާ ކަމަށް ބުނެ ފައިސާ ބަދަލު ކުރެވޭއިރު، ޑޮލަރު ބޭނުންވާ އަދަދުގެ އެއްބައި ނުވަތަ ތިން ބައި ކުޅަ އެއްބައި ނަގުދު ފައިސާއިން ހަވާލުކުރުމަށްފަހު، ބާކީ ބައި ޓްރާންސްފަރ ކޮށްލާނެކަމަށް ބުނެ ފަހުން ހަބަރެއް ނުވެ، ފިލާފައިވާ މައްސަލަތައްވެސް ފުލުހުންގެ ތަހުގީގުތަކުން ފާހަގަކުރެއެވެ. މިފަދަ މުއާމަލާތްތަކުގައި ބޭނުންކުރެވޭ ޑޮލަރަކީ ސައްހަ ޑޮލަރެވެ. މިގޮތަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްކުރެވޭ އިރު ކުށް ކުރި ފަރާތް ހޯދައި އޭނާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި ދައުވާ ކުރެވުނުކަމުގައި ވީ ނަމަވެސް ގެއްލުނު ފައިސާ ހޯދުމުގައި ގިނަ ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރަމެވެ.

މިކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

މިފަދަ މުއާމަލާތްކުރުމުގައި ބޭނުންކޮށްފައިވާ ނަންބަރުތަކަކީ ވަކި މީހެއްގެ މައްޗަށް ރަޖިސްޓްރީ ނުކޮށް ނުވަތަ ކޮންމެވެސް ބިދޭސީއެއްގެ ނަންމަތީގައި ނަނގާފައިވާ ނަންބަރުތަކެއްކަން ތަހުގީގަށް ފާހަގަކުރެވެއެވެ. އެހެންކަމުން މިފަދަ މުޢާމަލާތްތައް ކުރާއިރު، މުއާމަލާތްކުރެވޭ ނަންބަރަކީ ކޮން ފަރާތެއްގެ ނަންމަތީގައި ނަގާފައިވާ ނަންބަރެއްތޯ ޔަގީންކުރާށެވެ.  އެގޮތުން ހިދުމަތް ދޭ ކުންފުނިތަކަށް މެސެޖެއް ފޮނުވާލައިގެން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ބައެއް ނަންބަރުތަކުގެ ވެރިފަރާތް ބަލައިލެވޭނެއެވެ.

އަދި މިފަދަ މުއާމަލާތްތައް ދުވާލުގެ ވަގުތުގައި ހިންގުމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި ޑޮލަރަކީ ސައްހަ ޑޮލަރުތޯ ކަށަވަރުކުރުމަށްފަހު ފައިސާ ހަވާލުކުރުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ޑޮލަރު ގަތުމަށްޓަކައި މުއާމަލާތްކުރެވޭ ފަރާތަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތެއްތޯ ބަލައި، މީހެއްގެ އަތުން ޑޮލަރު ގަތުމުގެ ބަދަލުގައި ހުއްދަ އޮތް ފަރާތްތަކާއެކު އެފަދަ މުއާމަލާތްތައް ހިންގުމަކީވެސް މިފަދަ މައްސަލަތަކުން ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅެކެވެ. މީގެއިތުރުން ޑޮލަރު ގަތުމަށް މުޢާމަލާތްކުރެވޭ މީހާއަކީ ކާކުކަން ރަނގަޅަށް ދެނެގަތުމާއި މިފަދަ މުޢާމަލާތްތައް ހިންގާއިރު އިތުރު މީހަކާއެކު ދިއުމަކީވެސް އެޅިދާނެ ފިޔަވަޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *