މޯލްޑިވްސް ޕޯޓްސް ލިމިޓެދް (އެމްޕީއެލް) ފަންނީ މީހުން ބިނާ ކުރުމަށް އެއްބަސްވުމެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރީ އާއި އެކު ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު އެމްޕީއެލްގެ ހެޑްއޮފީހުގައެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޝާހިދު އަލީއެވެ. ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އިބްރާހިމް އަލީއެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްއަށް ފަންނީ މުވައްޒަފުން ބިނާ ކުރުމަށް 7 ސްކޮލަރޝިޕެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެމްޕީއެލުން ފައިސާގެ ކަންކަން ހަމަޖައްސާ ގޮތަށް ދޭ  މި ސްކޮލަރޝިޕްގެ އެހެނިހެން ކަންކަން ބަލަހައްޓާނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

އެމްޕީއެލް އަށް ހުނަރުވެރި ގާބިލު މުވައްޒަފުން ހޯދުމަށް ދޭ މި ފުރުސަތުގައި،  ޕޯޓް އޮފަރޭޝަންސްއާ ގުޅުންހުރި 2 ސްކޮލާރޝިޕާއި، އިންޖިނިއަރިންގެ ދާއިރާއިން 3 ސްކޮލާރޝިޕާ، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީގެ ދާއިރާއިން 1 ސްކޮލަރޝިޕް އަދި އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން 1 ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައެވެ.

މި ސްކޮލަރޝިޕްތަކަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ފާހަގަ ކުރައްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިއީ އެމްޕީއެލް އަށް ފަންނީ ގާބިލް މުވައްޒަފުން ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ މިއީ އެ ކުންފުނީގެ އިންސާނީ ވަސީލަތްތައް އިތުރުކޮށް ތަރައްގީ ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ކަމުގައެވެ. އަދި ޕޯޓުގެ ދާއިރާއަކީ ވަރަށް ހީވާގި ފަންނީ މަސައްކަތްތެރިން ބޭނުންވާ ދާއިރާއެއް ކަމަށާއި، މި ދާއިރާތަކަށް ތައުލީމީ ޒުވާނުން ނެރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

މި ހަތް ސްކޮލަރޝިޕްގެ ތެރެއިން އެއް ސްކޮލަރޝިޕް ހާއްސަ ކުރެވޭނީ މަތީ ސާނަވީ ތައުލީމު ނިންމާ ޓޮޕްޓެންގައި ހިމެނިފައިވާ ދަރިވަރަކަށް ކަމަށެވެ.  ބާކީ 6 ސްކޮލަރޝިޕް ޝަރުތު ހަމަވާ ކުދިންނަށް ދެވިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.