ސަރުކާރުން ޖީއެސްޓީ އާއި ޓީޖީއެސްޓީ އަންނަ އަހަރުން ފެށިގެން ބޮޑުކުރަން ނިންމި ނިންމުމަށް ވޯލްޑް ބޭންކުން މަރުހަބާ ކިޔައިފިއެވެ.

ސަރުކާރުން ވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް އަދި ޓީޖެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރަން ނިންމާފައެވެ.

ވޯލްޑު ބޭންކުން ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްސާދަށް އޭގެކުރިން ދުވަހަކު ވެސް ކުރިމަތި ނުވާވަރުގެ ބޮޑު ލޮޅުމެއް އެރުމަށްފަހު ރާއްޖޭގެ އިގްތިސާދު މިހާރު ވަނީ އަނބުރާ އިއާދަވުމުގެ މަގުމަތީގައި ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި، ސަރުކާރުން މިހާރު ވެސް ވަނީ ވަރަށް ގިނަ އިސްލާހީ ބަދަލުތަކެއް ގެނައުމަށް ރާވާފައިކަމަށް ބުނެ ވޯލްޑް ބޭންކުން ވަނީ ޖީއެސްޓީ ރޭޓް ބޮޑުކުރުމާއި، ދައުލަތުގެ މުވައްޒަފުންގެ އުޖޫރަ އާއި ޕެންޝަން އެންމެ އިންސާފުވެރި ގޮތެއްގައި ދިނުމާއި، ދަރަނީގެ ގާނޫނެއް ހެދުމާއި ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު އިސްލާހު ކުރުން ހިމެނޭކަން ފާހަގަކޮށްފައެވެ.

ދައުލަތުގެ ޚަރަދުތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މެނޭޖުކުރުމަށާއި، ދަރަނި މެނޭޖުކޮށް އަދި ދެފުށް ފެންނަ ގޮތެއްގައި ދަރަނީގެ ކަންކަން ބެލެހެއްޓުމުގެ އިތުރަށް، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް ޢާމްދަނީ އިތުރުކުރުމަށްޓަކައި މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ވާލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ވޯލްޑް ބެންކުގެ ރިޕޯޓްގައި ބުނީ ޖީއެސްޓީއަށް ގެންނަން ދާދި ފަހުން ހުށަހެޅި ބަދަލުތަކަށް ވާލްޑް ބޭންކުން މަރުހަބާ ކިޔާކަމަށެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންނަށް މިހާރަށް ވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށްޓަކައި މި އިސްލާހުތައް ތަންފީޒުކުރުމަށާއި، އިތުރު އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ވާލްޑް ބޭންކުން އޮތީ ތައްޔާރަށްކަމަށްވެސް ވޯލްޑް ބޭންކުގެ ރިޕޯޓްގައިވެއެވެ.

ޕީއީއާރު ރިޕޯޓުގައި، ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޅޭނެ މުހިންމު އިސްލާހީ ފިޔަވަޅުތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި، އިންކަމް ޓެކްސް ނަގަން ފަށާ މިންގަނޑު ދަށްކުރުމާއި، އާންމު ޖީއެސްޓީ އަދި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް މަތިކުރުންފަދަ ފިޔަވަޅުތައް އަޅައިގެން ދައުލަތުގެ އާމްދަނީ، ޚާއްސަކޮށް ރާއްޖޭގެ އެތެރޭގެ ވަސީލަތްތައް މެދުވެރިކޮށް އިތުރުކުރުން ހިމެނެއެވެ.

އަދި ދައުލަތުގެ ދަރަންޏާއި ގެރެންޓީތައް މިހާރަށް ވުރެ ރަނގަޅަށް މެނޭޖްކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ވެސް ޕީއީއާރު ރިޕޯޓުން ވަނީ ދެނެގަނެފެ އެވެ. އޭގެ ތެރޭގައި، ދައުލަތުން ދީފައިވާ ގެރެންޓީތައް ހިމެނުމަށްޓަކައި ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ގާނޫނު އިސްލާހު ކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތައް މިހާރަށް ވުރެ ހަރުދަނާކޮށް މޮނިޓަރކުރުން ހިމެނެއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.