ރައީސް ޔާމީން އާއި ނާޒިމް މަޖިލިހުގެ ޖަލްސާ އެއްގެތެރެއިން

ރިޔާސީ އިންތިހާބުގައި ބޮޑަތި ވިޔަފާރިވެރިންގެ އަތުން ނެންގެވި  ދަރަނި އަދާކުރެއްވުމަށް ރައީސް އަބުދުﷲ ޔާމީން ބޭނުން ކުރެއްވީ ރައްޔިތުންގެ ފައިސާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ވ. އާރަށް ތަރައްޤީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީން ރިޝްވަތު ނެންގެވި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން ބޭއްވި ޝަރިއަތުގެ މަޖިލީހަށް ހެއްކެއްގެ ގޮތުގައި ހާޒިރުކުރީ ރައީސް ޔާމީންގެ ކުރީގެ ވަރަށް ގާތް ބޭފުޅެއް ކަމަށްވާ ނާޒިމް އެވެ.

މި ޝަރީއަތުގެ މަޖިލީހުގައި ނާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތް އުފަންވީވެސް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ދަރަނި ދެއްކުމުގެ ތެރެއިން ކަމަށެވެ.

ނާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ މުޅި މައްސަލައަކީ ރޭވިގެން ހިންގާފައިވާ ބޮޑު ސްކޭމް އެއް ކަމަށާއި، އޭނާގެ ހާޒިރުގައި ރައީސް ޔާމީން އޭރު ދިރިއުޅުއްވި ގެކޮޅު ގ. ދޫވެއްސަށް އަދީބު، 15 މިލިއަން ރުފިޔާ ގެނެސްދިން ކަމަށެވެ.

އަދި އާންމުކޮށް ފައިސާ ހޯދަނީ ޗެކުން ކަމަށާއި  އެއީވެސް މަގްބޫލު ވިޔަފާރިވެރިއެއްގެ އަތުން ހޯދި ޗެކެއް ކަމަށް ނާޒިމު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ވިޔަފާރިވެރިއަކީ ކާކު ކަމެއް ނާޒިމު ޝަރީއަތުގެ މަޖިލީހާއި ހިއްސާއެއް ނުކުރައްވައެވެ.

2013 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ފައިސާގެ ކަންކަމުގައި އުޅުނީ ވަކިބައެއް ކަމަށާއި، އޭގެ ތެރޭގައި އެންމެ އިސްކޮށް އުޅުއްވީ އަހުމަދު އަދީބާއި މޫސާ ޒަމީރާއި މަރުހޫމް މުހައްމަދު މަނިކު ކަމަށް ނާޒިމު ވިދާޅުވިއެވެ.

އަދި 2014 ވަނަ އަހަރުގެ އޭފްރީލް މަހުގެ 28 ވަނަ ދުވަހު ރައީސް ޔާމީނާއި ބައްދަލުކުރަވާ އެކި ތަންތަނުންނާއި ވިޔަފާރިވެރިންގެ އަތުން އަދީބު ބޮޑެތި އަދަދުތަކުން ފައިސާ ނަގާކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާތޯ ސުވާލު ކުރެއްވި ކަމަށް ނާޒިމު ވިދާޅުވިއެވެ.

އަދި އެފައިސާ ބަރާބަރަށް ރައީސް ޔާމީނަށް ލިބޭ ކަމަށާއި،  އަދީބު އެފައިސާ ހޯދަނީ ރާއްޖޭގެ ވަރުގަދަ ހަތަރު ވިޔަފާރިވެރިންގެ އަތުން ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމު ވިދާޅުވީ އެމްޕީއެލް އަށް ޑޮލަރު ގަތުމަށް އެމްއެމްޕީއާރްސީން އަދީބު މެދުވެރިވެގެން ހިންގި ވައްކަމާއި ގުޅޭ ގޮތުންވެސް ރައީސް ޔާމީން އާއި ސުވާލު ކުރެއްވި ކަމަށެވެ. އެފައިސާ ޖަމާވީ ޔާމީންގެ ކެމްޕޭނަށް ޗެކް ދެއްވި ވިޔަފާރިވެރިއެއްގެ އެކައުންޓެއް ކަމަށް ނާޒިމު ވިދާޅުވިއެވެ.

ނާޒިމު ވިދާޅުވީ އެކަން ވަގުތުން ހުއްޓާލުމަށް ރައީސް ޔާމީން އަރިހުގައި ދެންނެވިކަމަށެވެ.  އޭރު ރައީސް ޔާމީން އޭރު އެކަށީގެންވާ ފިޔަވަޅު އެޅުއްވި ނަމަ 5 މިލިއަން ޑޮލަރުން ފެށިފައި އޮތް ހިޔާނާތެއް، 70 މިލިއަނަށް އަރައިގެން ނުދާނެ ކަމަށެވެ.

އެމްޕީއެލް އިން 5 މިލިއަން ޑޮލަރަށްވާ، 77.1 މިލިއަން ރުފިޔާ އަބީދު ނެގި ކަމަށާއި، އެ ފައިސާގެ ތެރެއިން ބައެއް ނުވަތަ އެފައިސާ އެއްކޮށް ރައީސް ޔާމީނަށް ލިބިވަޑައިގެންތޯ ސުވާލުކުރެއްވި ކަމަށް ނާޒިމު ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ 100 ޕަސެންޓް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކުން އަދީބު ފައިސާ ނަގަނީ ކިހިނެތްތޯ އާއި އެކަމެއް ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. މީގެ އިތުރުން މ އަތޮޅުގެ ތިން ފަޅެއްގެ ފައިސާ އެއްއޯއެފްގެ އެކައުންޓަށް ޖަމާވި ކަމަށާއި، އެކަންވެސް ރައީސް ޔާމީނުގެ ސަމާލުކަމަށް ގެނެސްފައިވާކަން އެނގޭ ކަމަށް ނާޒިމު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.