ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ހަކަތައަށް ޚާއްސަ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ވާރލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހިންގާ އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ރާއްޖޭގެ 11 އަތޮޅެއްގެ ކަނޑައެޅިފައިވާ ރަށްތަކުގައި ގާއިމު ކުރުމަށް ހަމަޖެހިފައިވެއެވެ.

އެންވަޔަރމެންޓް މިނިސްޓްރީން ބުނީ މި މަސައްކަތަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމަށް ޖުލައި މަހުގެ ތެރޭގައި ބީލަން މަރުހަލާއެއް ކުރިއަށް ގެންގޮސްފައި ވީނަމަވެސް، އެދެވޭ ނަތީޖާއެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ޕްރީކޮލިފިކޭޝަން ކެންސަލްކޮށް އަލުން ވަނީ 27 އޮކްޓޯބަރާއި ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެރައިސް މަޝްރޫޢޫގެ ދަށުން ބެޓަރީ ނިޒާމު ޤާއިމުކުރެވޭ ރަށްތަކަކީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ގއ. ވިލިނގިލި، ބ. އޭދަފުށި، ޅ. ހިންނަވަރު، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ށ. ފުނަދޫ، ލ. ފޮނަދޫ، ލ. ގަން، ލ. ހިތަދޫ، ލ. މާމެންދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ލ. ދަބިދޫ، ލ. މާވަށް، ލ. އިސްދޫ އަދި ލ. ކަލައިދޫ އެވެ.

ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފެއްދުން ކަމަށް އެންވަޔަރމެންޓް މިނިސްޓްރީން ބުނެއެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ކުރިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލުން 40 މިލިއަން ލިޓަރު ދަށްކުރުމާއި އަދި 2018 ގެ ނިސްބަތާއި އަޅާބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޭނުންކުރާ މިންވަރު %20 އިތުރު ކުރުމަކީ ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ހަކަތައިގެ ދާއިރާއިން ހާސިލުކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިއެކެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ގައުމަކަށް ހެދުމެވެ.

އެރައިސް މަޝްރޫޢުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެއެވެ.

އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ޖުމުލަ %30 އަށްވުރެން މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ހައްލެއް ލިބިގެންދާނެއެވެ.

2021 އިން ފެށިގެން 5 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫޢިން 40 މެގޮވޮޓް އަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމުގެ އިތުރުން 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށްވެސް ވަނީ ރާވާފައެވެ.

އަދި ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވެއެވެ. އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށްވަނީ ރާވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.