ޒަޕޮރިއްޒިއާ ނިއުކުލިއާ ޕަވަރ ޕްލާންޓް

މިދިޔަ ހަފްތާގައި ރަޝިޔާ އާއި ޔޫކުރެއިނުން ބަދަލު ކުރި ހަމަލާތައް އަމާޒުވި ޔޫކްރެއިންގެ ނިއުކުލިއާ ޕްލާންޓަށް ވަނުމަށް ބައިނަލްއަގްވާމީ އިންސްޕެކްޓަރުންނަށް ފުރުސަތު ދިނުމަށް އދ ން ގޮވާލައިފިއެވެ.

އދ އިން މިކަމަށް ގޮވާލާފައި މިވަނީ ރަޝީޔާ-ޔޫކްރެއިން ހަނގުރާމައިގައި މިހާރު އެންމެ ވަރުގަދައަށް ހަމަލާ ބަދަލުކުރުންތައް ކުރިޔަށްދަނީ ޒަޕޮރިއްޒިއާ ނިއުކުލިއާ ޕަވަރ ޕްލާންޓް ހުންނަ ސަރަހައްދުގައި ކަމަށްވާތީ އެ ޕްލާންޓުން ރޭޑިއޭޝަން ބޭރުވެ ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެފައިވަނިކޮށެވެ.

ހަފްތާ ބަންދުގައި އެ ނިއުކުލިއާ ޕްލާންޓަށް ދިން ހަމަލާތަކާއި ގުޅިގެން ބައިނަލްއަގްވާމީ ފަރާތްތަކަށް އެތަނަށް ވަނުމުގެ ހުއްދަދިނުމަށް އދގެ ސެކެއްޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް މިއަދު ވަނީ ގޮވާލައްވާފައެވެ.

ގްޓަރޭސް ވިދާޅުވީ އެ ޕްލާންޓަށް ދެވޭ ކޮންމެ ހަމަލާއަކީ އަމިއްލައަށް މަރުވުން ފަދަ ކަމެއް ކަމަށެވެ. ގުޓަރޭސް މިހެން ވިދާޅުވީ މިހާރު ޖަޕާނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދުނިޔޭގެ ފުރަތަމަ އެޓޮމިކް ބޮމުގެ ހަމަލާއަށް 77 އަހަރު ފުރުމާއި ގުޅިގެން ބޭއްވި 'ހީރޯޝީމާ ޕީސް މެމޯރިއަލް' ހަފްލާއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ޔޫކްރެއިން އިން ބުނީ އަންގާރަ ދުވަހު އަނެއްކާވެސް ރަޝިޔާއިން ޒަޕޮރިއްޒިއާއަށް ހަމަލާދީފައިވާ ކަމަށާއި، މި ހަމަލާގައި އެތަނުގެ މުވައްޒަފަކު ޒަހަމްވެ، 3 ރޭޑިއޭޝަން ސެންސަރ ހަލާކުވެފައިވާ ކަމަށެވެ. ރަޝިޔާއިން ވަނީ ހޮނިހިރު އެކަނިވެސް ދެ ފަހަރަށް އެ ޕްލާންޓަށް ހަމަލާދީފައެވެ.

ރަޝިޔާ ސިފައިން ބުނީ އެ ނިއުކުލިއާ ޕްލާންޓް ކުރިއެކޭ އެއްގޮތަށް ހިންގާ ކަމަށެވެ.

ޒަޕޮރިއްޒިއާ ނިއުކުލިއާ ޕްލާންޓަށް ހަމަލާ ދިނީ ރަޝިޔާއިން ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރި ނަމަވެސް ރަޝިޔާއިން ބުނެފައިވަނީ އެއީ ޔޫކްރެއިންގެ ހަމަލާއެއްކަމަށެވެ.

ޒަޕޮރިއްޒިއާ ނިއުކުލިއާ ޕްލާންޓަކީ ޔޫރަފްގައި ހުރި އެންމެ ބޮޑު ނިއުކުލިއާ ޕްލާންޓެވެ. އެ ނިއުކުލިއާ ޕްލާންޓް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންދިޔައީ ހަނގުރާމައިގެ ކުރީކޮޅު މާޗްމަހުގެ ތެރޭގައެވެ.

ތަޖުރިބާކާރުން އަންދާޒާ ކުރާ ގޮތުގައި މި ނިއުކުލިއާ ޕްލާންޓްގައި އަލިފާން ރޯވެގެން ގެއްލުމެއް ލިބިއްޖެ ނަމަ ޗާނަބީލް ނިއުކުލިއާ ހާދިސާއަށްވުރެ 10 ގުނަ އަށް ނުރައްކާ ބޮޑުވާނެއެވެ.

ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރަޝިޔާއިން އަންނަނީ ޔޫކްރެއިންގެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައްދީ ސުންނާފަތި ކުރަމުންނެވެ. އަދި ޒަޕޮރިއްޒިއާ ނިއުކުލިއާ ޕްލާންޓަށް ހަމަލާދީ ރަޝިޔާ ސިފައިން ވަނީ އެތަނުގެ އިންޓަނެޓް ހިދުމަތާއި މޯބައިލް ވިއުގައިގެ ހިދުމަތްތައް ކަނޑާލާފައެވެ.

އެހެންކަމުން އެތަނުގެ އެތެރޭގެ ކަންކަން ހުރި ނެތް ގޮތް ބެލުމަށް އަދި އެތަނުގެ ހާލަތު ދެނެގަތުމަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.