ޗައިނާއިން ޓައިވާން ކައިރީގައި ހިންގި އަސްކަރީ ތަމްރީނެއްގެ ތެރެއިން - ފޮޓޯ: ޒިންހުއާ ނިއުސް އެޖެންސީ

ޓައިވާންގެ ވަށައިގެން އަސްކަރީ ތަމްރީނުތަކެއް އަލުން ފަށާފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ.

ޓައިވާން ސަރަހައްދުގައި މިދިޔަ ހަފްތާގައި ފެށި އަސްރަކީ ތަމްރީނުތައް އާދިއްތަ ދުވަހަށް ނިންމާލުމަށްފަހު، މިއަދު ޗައިނާއިން އިއުލާނުކޮށްފައިވަނީ ޓައިވާންގެ ވަށައިގެން ފުޅާ ދާއިރާއެއްގައި އަސްކަރީ ތަމްރީނުތައް ކުރިޔަށްގެންދާ ކަމަށެވެ.

ޗައިނާގެ އަސްކަރިއްޔާއިން ބުނީ މި ފަހަރު ހިންގާނެ ތަމްރީނު ތަކަކީ 'އެންޓި ސަބްމެރިން އެޓޭކްސް' އާއި ކަނޑުގެ ސަރަހައްދު ބަލާ ފާސްކުރުން ތަކެއް ކަމަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ މެދެއްހާ ހިސާބަށް މި ތަމްރީނުތައް ކުރިޔަށްދާނެ ކަމަށާއި، ތަމްރީނުތަކުގައި ލައިވް ފަޔަރ އެކްސަސައިޒް ތަކެއް ހިމެނޭނެ ކަމަށް ޗައިނާ ބުނެއެވެ.

ޗައިނާ ކަނޑުގެ ސިފައިން ހިންގާ މި ތަމްރީނުތަކުގައި އަސްކަރީ ބޯޓުތައް ހަރަކާތްތެރިވާނީ ޗައިނާ އާއި ކޮރެއާ އާއި ދެމެދު އޮންނަ 'ޔެލޯ ސީ' ކިޔާ ކަނޑުގެ ސަރަހައްދު ގައެވެ. މީގެ އިތުރުން ޔެލޯ ސީގެ އުތުރުގައިވާ ކަނޑުގެ ސަރަހައްދުގައި އެއްމަސް ދުވަހުގެ ތަމްރީނުތަކެއް ކުރިޔަށްގެންދާނެ ކަމަށް ޗައިނާގެ އަސްކަރިއްޔާއިން ބުނެއެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނެންސީ ޕިލޯސީ ޗައިނާގެ ނުރުހުމުގައި ޓައިވާނަށް ވަޑައިގެންނެވުމުން ޖެހިގެން އައި ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ޗައިނާއިން ޓައިވާން ސަރަހައްދުގައި އަސްކަރީ ތަމްރީނުތައް ހިންގިއެވެ.

ޗައިނާގެ އިންޒާރުތަކަށް ބެލުމެއް ނެތި ޕިލޯސީ ޓައިވާނަށް ވަޑައިގެންނެވުމުން އޭގެ ރައްދެއްގެ ގޮތުން ޓައިވާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ އަސްކަރީ ތަމްރީނުތައް ފެށުމުގެ ސަބަބުން އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރާއި، ކަނޑު މަގުން ދަތުރުކުރާ ވިޔަފާރިވެރި އުޅަނދުތަކުގެ ދަތުރުތަކަށް ބުރޫ އެރިއެވެ.

ޓައިވާނުން ތުހުމަތު ކުރާ ގޮތުގައި ޗައިނާގެ އަސްކަރީ ތަމްރީނުތަކަކީ ޓައިވާން ހިފުމަށް ކުރާ ފަރިތަކުރުންތަކެކެވެ. މިއަދު ޓައިވާނުން ބުނީ މިހާތަނަށް ޗައިނާގެ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތައް ޓައިވާންގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ނުވާ ކަމަށެވެ.

އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާއިން ވަނީ ޗައިނާގެ އަސްކަރީ ތަމްރީނުތައް ކުށްވެރިކޮށްފައެވެ. ޕިލޯސީގެ ދަތުރުފުޅާއި ގުޅިގެން ޗައިނާއިން ވަނީ އެމެރިކާއާއި އެކު ބާއްވަމުން އައި ބައެއް ގުޅުންތައްވެސް ކަނޑާލާފައެވެ. މުސޫމަށް އަންނަ ބަދަލުތަކާއި ގުޅޭ ދާއިރާ ހިމެނޭހެން އެކި ދާއިރާތަކުން ގުޅުން ކަނޑާލުމުން އެމެރިކާއިން ވަނީ އެކަންވެސް ކުށްވެރިކޮށްފައެވެ.

ޗައިނާއިން ބުނާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބާރުގެ ދަށަށް ބާރުގެ ބޭނުންކޮށްގެން ގެނެވިދާނެ، އެގައުމާއި ދުރުގައިވާ ޗައިނާގެ ޕްރޮވިންސެއް ކަމަށެވެ. އެހެންނަމަވެސް ޓައިވާނަކީ އަމިއްލަ ވެރިކަމެއް ގާއިމުކޮށް ޗައިނާއާއި ވަކިން އޮތް ސަރަހައްދެކެވެ. އެއްވެސް ގައުމަކުން ޓައިވާން ވަކި ގައުމެއްގެ ގޮތުގައި ބަލައިގަތުމަކީ ޗައިނާއިން އެދޭ ކަމެއް ނޫނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.