ފާއިތުވި ތިން ދުވަހު ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަވެރިން  އެއްބަސްވެއްޖެއެވެ.

ފަލަސްތީން އިސްލާމިކް ޖިހާދު (ޕީއައިޖޭ) އިން ބުނީ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމުގެ އެއްބަސްވުމަކާއި ހަމައަށް އާދެވުނީ  މިސްރުގެ މީޑިއޭޓަރުން މެދުވެރިކޮށް ކުރި މަޝްވަރާތަކަށްފަހު ރޭ ފަލަސްތީނު ގަޑިން 23:30 ން ފެށިގެން ކަމަށެވެ.

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ޔައިރް ލެޕިޑްވެސް ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ.

އިސްރާއީލު ސިފައިން ދިން ވަރުގަދަ ހަމަލާތަކުގައި ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހާއި ހަމައަށްފަލަސްތީނުގެ  43 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނީ އާދިއްތަ ދުވަހުގެ ރެއާ ހަމައަށް ޝަހީދުވި 43 މީހުންގެ ތެރޭގައި  15 ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި 300 އަސްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. މި އެންމެން ޝަހީދުކޮށްލި އިސްރާއީލުގެ ހަރުކަށި އަމަލުތައް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ކުށްވެރިކޮށްފައެވެ.

ހުކުރުދުވަހު ފެށި ހަމަލާ ބަދަލުކުރުންތަކަކީ 2021 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި 11 ދުވަސް ވަންދެން އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކަށް ފަހު ހިންގި އެންމެ ވަރުގަދަ ހަމަލާ ބަދަލުކުރުންތަކެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާ ބަދަލުކުރުންތަށް ފެށުނީ ޣައްޒާގައި އުޅޭ އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ކަމަށެވެ.  އަދި އިސްރާއީލުން ހަމަލާދޭން ފެށީ އިސްލާމިކް ޖިހާދުން ރޮކެޓް ހަމަލާއެއް ދިނުމާއި ގުޅިގެން އޭގެ ރައްދުގައި ކަމަށެވެ.

އިސްލާމިކް ޖިހާދުން އިސްރާއީލަށް ހަމަލާދޭން ފެށުމުގެ ދުވަސްތަކެއް ކުރިން އިސްރާއިލާއި އިސްލާމިކް ޖިހާދާއި ދެމެދު ނުތަނަސްކަން އުފެދުނީ، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިން އިސްލާމިކް ޖިހާދުގެ އިސް މެންބަރެއް ހައްޔަރު ކުރުމުންނެވެ.

އާދިއްތަ ދުވަހު ޣައްޒާއިން ވަނީ ޖެރުއްސަލަމަށްވެސް ރޮކެޓް ހަމަލާއެއްދީފައެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހުގެ ފަހުން ޖެރުއްސަލަމަށް ޣައްޒާއިން ފޮނުވާލި ފުރަތަމަ ރޮކެޓް ހަމަލާއެވެ.

އިސްލާމިކް ޖިހާދުން ބުނީ އިސްރާއީލުގެ ހަރުކަށި ހަމަލާތައް ހުއްޓުވުމަށް މެދުވެރިއެއްގެ ރޯލު އަދާކޮށްދިން މިސްރުގެ މީޑިއޭޓަރުންގެ މަސައްކަތްތަކަށް ބަލައިގަންނަ ކަމަށެވެ.

އިސްރާއީލުން ބުނީ ހަމަލާ ބަދަލުކުރުގެ އެއްބަސްވުމާއި ފަލަސްތީނުން ހިލާފުވެއްޖެ ނަމަ އޭގެ ވަރުގަދަ ރައްދެއް ދިނުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ ކަމަށެވެ.

އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި ޣައްޒާގައި ޝަހީދުވި ބައެއް މީހުންނަކީ އިސްލާމިކް ޖިހާދުގެ ހަމަލާތަކުގައި ޝަހީދުވި މީހުންނެވެ. އެގޮތުންޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ރޮކެޓް ހަމަލާއަކީ އިސްލާމިކް ޖިހާދުން ފޮނުވާލަށް އުޅުނު ރޮކެޓެއް ފެއިލްވެގެން ހިނގި ހާދިސާއެއް ކަމަށް އިސްރާއީލުން ތުހުމަތު ކުރެއެވެ. ޖަބަލިއާ އަށް އަމާޒުވި ރޮކެޓް ހަމަލާގައި ކުޑަކުދިންނާ އަންހެނުން ޝަހީދުވެފައިވެއެވެ.

އިސްރާއީލުގެ ވަރުގަދަ ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ. އަދި ފަލަސްތީނުގެ ހައްޤުގައި ބައިނަލްއަގްވާމީ މުޖުތަމައާއި އެކު އަޑު އުފުލުން ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ބުނެ ޝަހީދުވީ ފަލަސްތީނު މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރުން ހަމްދަރުދީއާއި ތައުޒިޔާ ފޮނުވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.