އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރުމަށް ގަލޮޅު ސްޓޭޑިއަމްގައި ބާއްވަން އުޅުނު ޔޯގާ ހަރަކާތްތަށް ހުރަސްއަޅާ ހިންގި ހަމަނުޖެހުންތަކުގެ ތެރެއިން ހައްޔަރުކުރި ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ މުގައްރިރު މުހައްމަދު އިސްމާއިލް ދޫކޮށްލައިފި އެވެ.
ޖޫން 22 ގައި އޭނާ ހައްޔަރު ކުރީ ޔޯގާ ޑޭގެ ހަމަނުޖެހުން ރޭވުމުގައި އިސް ދައުރެއް އަދާކުރި ކަމުގެ ތުހުމަތުގައެވެ. ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ މުގައްރިރު މުހައްމަދު އިސްމާއީލްގެ އިތުރުން ހައްޔަރު ކުރިން ބައެއް މީހުން މީގެ ކުރިން ވަނީ ދޫކޮށްލާފައެވެ.
ޔޯގާ ޑޭ ހަރަކާތް ފެށުމާއި އެކު ބަޔަކު ވަނީ ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގާފައެވެ.
މި ދިދަތައް ޕީޕީއެމް އޮފީސްތެރެއިން ބަޔަކާ ހަވާލުކުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވިއެވެ. އެ ފޮޓޯތަކުން ފެންނަގޮތުގައި އެ ދިދަތަށް ނެރެނީ ހެންވޭރުގައި ހުންނަ ޕީޕީއެމްގެ މައި އޮފީހުންނެވެ.
ފުލުހުން ބުނެފައިވަނީ ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދަން އުޅުނު ޔޯގާ ޑޭ ހަރަކާތަށް ހުރަސް އެޅުމަށް ގަލޮޅު ދަނޑަށް ވަން އާންމުން ބޭނުން ކުރި ދިދަތައް ނެރެފައިވަނީ ޕީޕީއެމް އޮފީހުން ކަމަށެވެ.
ސަރުކާރުގެ އިސް ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުން ވެސް ހިމެނޭހެން ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެތަނަށް ވަދެ، އެހަރަކާތުގައި ބައިވެރިވި ބައެއް މީހުންނާއި އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން އުފައްދާފައެވެ.
ޔޯގާ ދުވަހު ހިންގި ހަމަނުޖެހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާއިރު އެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.