އިސްރާއީލުން ފަލަސްތީނުގެ 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އިސްލާމިކް ޖިހާދުގެ މެންބަރުން ހިމެނޭ ކަމަށް މިއަދު އިއުލާނު ކޮށްފިއެވެ.
އިއްޔެ ޣައްޒާއަށް ދޭން ފެށި ވަރުގަދަ ހަމަލާތަކަށްފަހު ފަލަސްތީނުގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އިސްރާއީލު ސިފައިންވަނީ ހަމަލާތައް އިތުރަށް ފުޅާކޮށްފައެވެ.
އިސްރާއީލު ސިފައިން ބުނީ އިސްލާމިކް ޖިހާދުގެ 19 މެންބަރުން ހައްޔަރުކޮށްފައިވަނީ ހުޅަނގު އައްސޭރިން ކަމަށެވެ.
އިސްރާއީލް އަސްކަރިއްޔާއިން ބުނީ މިހާރު ފަށަފައިވާ އޮޕަރޭޝަނަކީ އިސްލާމިކް ޖިހާދުގެ ހަގުރާމަވެރިންނާ ދެކޮޅަށް ފެށި އޮޕަރޭޝަނެއް ކަމަށާއި، އެމީހުން ހައްޔަރު ކުރުމަށް އިސްރާއިލް ސިފައިންނާއި ޝިން ބެތް އިންޓާނަލް ސެއިއުރިޓީ އެޖެންސީގެ އެޖެންޓުން ވެސް ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައިވެސް ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
ހުކުރުދުވަހު ޣައްޒާގައި ހަމަލާ ބަދަލުކުރުންތައް ފެށުނީ ވެސްޓު ބޭންކުން އިސްލާމިކް ޖިހާދުގެ މުހިންމު މެންބަރެއް ކަމުގައިވާ ބައްސާމް އަލް ސާދީ މި ހަފްތާގައި ހައްޔަރުކުރުމާއި ގުޅިގެންނެވެ.
އީރާނުން ވާގިވެރިވާކަމަށް ބުނާ އިސްލާމިކް ޖިހާދަކީ، ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ބާރު ގަދަ ހަނގުރާމަވެރި ގުރޫޕެކެވެ. ހުޅަނގު އައްސޭރިއަކީ 1967 ވަނަ އަހަރުން ފެށިން އިސްރާއިލުން ފޭރިގެންފައިވާ ފަލަސްތީނުގެ ސަރަހައްދެކެވެ.