އިސްރާއީލު ސިފައިން އިއްޔެ ދިން ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނު މީހެއްގެ ހަށިގަނޑު ގެންދަނީ - ފޮޓޯ: އޭއެފްޕީ

އިސްރާއީލުން ހުކުރު ދުވަހު ޣައްޒާއަށް ބޮން އަޅާ ފަލަސްތީނުގެ އާންމުންނަށް ދިން ހަމަލާތައް ކުށްވެރިކޮށް އެކަން ހުއްޓުވައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް އަރަބި ލީގުން ގޮވާލައިފިއެވެ.

މިއަދު އަރަބި ލީގުން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީރުގެ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 10 މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި، އޭގެ ތެރޭގައި ފަސް އަހަރު ކުއްޖަކު ހިމެނި، 55 މީހުންނަށް އަނިޔާވެފައިވާއިރު މިއީ ހަތިޔާރެއްނެތް  އާންމުންނަށް އަމާޒުކޮށްގެން އިސްރާއީލުން ދިން ހަރުކަށި ނުރައްކާތެރި ހަމަލާތަކެއް ކަމަށެވެ.

އަރަބި ލީގުން ބުނީ ޣައްޒާއަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދިނުމަކީ އދގެ މުއާހަދާތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފު އަމަލުތަކެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ  މުއާހަދާތަކާއި ހިލާފުވެ އިސްރާއީލުން ވަނީ އިންސާނީ ހައްގުތަކާއި އުސޫލުތަކާއިވެސް ހިލާފުވެފައިކަމަށެވެ.

އިސްރާއީލުން ފަލަސްތީނު މީހުންނަށް އަމާޒުކޮށްދޭ ހަރުކަށި ހަމަލާތައް އިތުރަށް ވަރުގަދަ ނުކުރަނީސް އެކަން ހުއްޓުވުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ވީހާވެސް އަވަހަށް އެކަމުގެ ތެރެއަށް ވަދެ ފިޔަވަޅު އެޅުމަށްވެސް އަރަބި ލީގުން ގޮވާލާފައިވެއެވެ.

އަދި އަންހެނުންނާ ކުޑަކުދިންނާއި ފަލަސްތީނުގެ އާންމުންނަށް  މަދަނީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާ ކަމަށް އަރަބި ލީގުގެ ބަޔާނުގައިވެއެވެ.

ހުކުރު ދުވަހުގެރޭ އިސްރާއީލުން ޣައްޒާގެ ގިނަ ސަރަހައްދުތަކަށް ބޮން އެޅި އެވެ. އިސްރާއީލުން ބުނީ މިއީ ފަލަސްތީނުގެ ހަނގުރާމަވެރި ގުރޫޕެއް ކަމުގައިވާ އިސްލާމިކް ޖިހާދާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.  އިއްޔެ އިސްރާއީލު ސިފައިން ވަނީ އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފި، އަލް ގުދުސް ބްރިގޭޑް ގެ ކޮމާޑަރެއްވެސް ޝަހީދު ކޮށްލާފައެވެ.

ހުކުރު ދުވަހުގެ ރޭ އިސްރާއީލްގެ ދެކުނާއި މެދު ތެރެއިންވެސް  ރޮކެޓް ސައިރެންގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ޣައްޒާއަށް އިސްރާއިލުން ދިން ވައިގެ ހަމަލާތަކުގެ ރައްދުގައި ފަލަސްތީނުގެ ހަނގުރާމަވެރިން ދިން ހަމަލާތަކެކެވެ.

ހުކުރު ދުވަހުގެ ރޭ އިސްރާއިލުގެ ޓީވީ ސްޓޭޝަނަކުން މި މަންޒަރުތައް ދެއްކި އިރު ފަލަސްތީނުން އިސްރާއީލަށް ފޮނުވާލި ރޮކެޓްތައް އިސްރާއީލްގެ އެއާ ޑިފެންސް ސިސްޓަމް މެދުވެރިކޮށް ވަނީ ވައްޓާލާފައެވެ.

ހުކުރު ދުވަހު 100 އަށްވުރެ ގިނަ ރޮކެޓް އިސްރާއީލުގެ ސިޓީތަކަށް ފޮނުވާލާފައިވާނެ ކަމަށް އިސްލާމިކް ޖިހާދު ގުރޫޕުން ބުނާ ކަމަށާއި، އޭގެ ތެރޭގައި ތެލް އަވީވް ވެސް ހިމެނޭ ކަމަށް އިސްރާއީލް އެމްބިއުލާންސް ސާވިސްއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.