ހުޅުމާލެ ފޭސް 2 ގައި ސްޓެލްކޯއިން އެ ކުންފުނީގެ މުވައްޒަފުންނަށް ތަރައްގީ ކުރި ފްލެޓްތަކުގެ ބަދަލުގައި ބޭނުން ވަނީ ސްޓެލްކޯއިން ދިނުމަށް ކަނޑައަޅާފައިވާ ހިދުމަތް އިހްލާސްތެރި ނިޔަތެއްގައި، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށް މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުކުރުމަށް މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ސްޓެލްކޯއިން ހިދުމަތް ދޭން ވާނީ އާންމު ރައްޔިތުން ކަނޑައަޅާ ގޮތަކަށް ކަމަށެވެ.
ޝަރީފު ވިދާޅުވީ ސްޓެލްކޯގެ ފްލެޓްތައް މުވައްޒަފުންނަށް ދިން އިރު އެގްރިމެންޓް ހަދާފައިވާނީ ސްޓާފުންނަށް ވަރަށް ބޮޑަށް ލުއިވާ ގޮތަށް ކަމަށެވެ.
މިކަމުގެ ބަދަލުގައި މެނޭޖްމެންޓުން އަދި ސްޓެލްކޯގެ ބޯޑުން އެދެނީ
އަޅުގަނޑުމެންގެ ހިދުމަތް ބަލައިގަންނަ ފަރާތަކީ އާންމު ރައްޔިތުންނޭ. އާންމު ރައްޔިތުންނަށް އެނގޭނީ ހިދުމަތް ދޭންވީ ގޮތް. ސްޓެލްކޯއަކުން ނޫން ކަނޑައަޅާނީ. މިކަން ކޮށްދޭށޭ އަޅުގަނޑު ދަންނަވާނީ. ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭށޭ. މި ކޮށްދިން ހެޔޮ ކަމުގެ ބަދަލުގައި، ރިޓާން އެއްގެ ގޮތުގައި ބޭނުންވާ ކަމަކީ އެއީ"
ސްޓެލްކޯގެ ފްލެޓްތަކަށް ފައިސާ ދައްކަން ޖެހޭނީ ބޭންކަކަށް ނޫން ކަމަށާއި 18 އަހަރުގެ މުއްދަތަށް ކުލި ދައްކަން ޖެހޭނީ ސްޓެލްކޯއަށް ކަމަށް ޝަރީފު ވިދާޅިވިއެވެ.
ބޭންކަށް ގޮސްގެން މި ލޯނު ކަވަރ ކުރަން ޖެހޭނަމަ އެޕާޓްމެންޓް ލިބުނު މުވައްޒަފުންގެ ތެރެއިން 203 މުވައްޒަފަކަށް ކްރައިޓީރިއާ ހަމަނުވެގެން ލޯނެއް ނުލިބޭނެ ކަމަށް ފާހަގަ ކުރައްވާ ޝަރީފު ވިދާޅުވީ، އެ އާއިލާތަކަށް ބޯހިޔާވަހިކަމުގެ ލޯނަކަށް ގޮސްގެން ލޯނު ޔަގީން ނުވާނެތީ ލޯނުގެ ބައި ސްޓެލްކޯއިން ކަވަރ ކުރަން ނިންމީ ކަމަށެވެ.
ބޭންކަށް 18 އަހަރުގެ ތެރޭގައި ސިންގަލް ބެޑްރޫމް އެޕާޓްމެންޓަކުން ދައްކަން ޖެހޭނެ 5.8 މިލިއަން ރުފިޔާ. އޭގެ ބަދަލުގައި ސްޓެލްކޯއަށް ކޮންމެ މަހެއްގައި ދައްކަން މިހާރު ކަނޑައަޅާ އަދަދުން 2.1 މިލިއަން ކޮންމެ އަހަރަކު ދައްކާނެ. 3.7 މިލިއަން ރުފިޔާގެ ސޭވިން އެއް އެއީ. ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ ބޭންކު ލޯނަކަށް ގޮސްގެން 12 ފަސެންޓާއެކު 10.6 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ. ސްޓެލްކޯއިން މި އޮތީ 3.8 މިލިއަން ދައްކަން. 6.9 މިލިއަން ރުފިޔާގެ ސޭވިން އެއް އެއީ. މިއީ އެޕާޓްމެންޓް ލިބުނު ފަރާތްތަކުން ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭނެ ކަމެއް"
ޝަރީފު ވިދާޅުވީ މިއަދު ހަވާލު ކުރެވެނީ އެގްރިމެންޓްގައި ސޮއިކުރި 306 އެޕާޓްމަންޓް ކަމަށެވެ. އަދި 52 ފަރާތެއް އެގްރިމެންޓްގައި ސޮއި ނުކުރާ ކަމަށާއި ، އެ ފަރާތްތަކަށް ސޮއި ކުރުމަށް ވަގުތު ދެއްވާނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. އޭގެ ފަހުން އެގްރިމެންޓްގައި ސޮއި ނުކުރާ ފަރާތްތަކުގެ ފްލެޓްތައް އެހެން ސްޓާފުންނަށް ދޫކޮށްލާނެ ކަމަށް ވިދާޅުވިއެވެ.
ސްޓެލްކޯއިން ހިންގި ބޯހިޔާވަހިކަމުގެ މި މަޝްރޫއަކީ މުވައްޒަފުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކުރި ކަމަކަށް ވާތީ ފްލެޓްތަކުން އެއްވެސް މައްސަލައެއް ދިމާވެގެން އެއްވެސް އާއިލާއަކުން ނިކުންނަން ޖެހުމަކީ ސްޓެލްކޯއިން އެދޭ ކަމެއް ނޫންކަމަށް ޝަރީފު ފާހަގަ ކުރެއްވިއެވެ.
ސަރީފު ވިދާޅުވީ އެގްރިމެންޓްގައިވާ ގޮތުން ކުލި ނުދައްކާ 3 މަސް ދުވަސް ވެއްޖެ ނަމަ ފްލެޓުން ނިކުންނަށް ޖެހޭނެ ކަމަށާއި، ދެން ތިބި ސްޓާފުންގެ ހައްގުގައި އެކަން ކުރަން ޖެހިއްޖެނަމަ ސްޓެލްކޯއިން ކުރާނެ ކަމަށެވެ.
ފްލެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ކޮންމެ ފްލެޓަކީވެސް ބޭނުންވެގެން ހޯދާ ފްލެޓެއް ކަމުގައި ހަދާ، އެ ފްލެޓްގައި އުފަލާ އެކު ދިރިއުޅެ، ސްޓެލްކޯއިން ރައްޔިތުންނަށްދޭ ހިދުމަތް އިހްލާސްތެރިކަމާއެކު ދިނުމަށް ހުރިހާ މުވައްޒަފުންގެ ކިބައިން އެދޭ ކަމަށެވެ.