އާދިއްތަ ދުވަހު ފަށާ އާ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ 8364 ޓީޗަރުންނާ އެކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީ ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވީ ސުކޫލުތައް ހުޅުވޭއިރު، ސަރުކާރު ސުކޫލުތަކުގައި 1693 ބިދޭސީ ޓީޗަރުންނާއި، 6006 ދިވެހި ޓީޗަރުން އަދި 665 ރިލީފް ޓީޗަރުން ތިއްބަވާނެ ކަމަށެވެ.
އަންގާރަ ދުވަހު ޓީޗަރުން ސުކޫލަކަށް ނިކުންނެވިއިރު ޓީޗަރުން ރިފްރެސްވުމަށް، ޕްރޮޕެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތައް ކުރިޔަށް ގެންދެވިފައިވާ ކަމަށް މުޖާހިދު ވިދާޅުވިއެވެ.
ދިރާސީ އާ އަހަރަށް ރާއްޖޭން ބޭރުން ގެންނަށް ޖެހޭ ޓީޗަރުންވެސް ގެނެވިފައިވާކަން ފާހަގަ ކުރައްވާ މުޖާހިދު ވިދާޅުވީ މިއަހަރަކީ އެންމެ އަވަހަށް ބިދޭސީ ޓީޗަރުން ގެންނަން ފެށުނު އަހަރު ކަމަށެވެ.
އެގޮތުން ޖެނުއަރީ، ފެބުރުއަރީ އަދި މާޗް މަހު ރާއްޖޭގެ ހުރިހާ ސަރުކާރު ސުކޫލުތަކާއި ބައްދަލުކޮށް ޓީޗަރުން ބޭނުންވާ އަދަދު އޮޅުން ފިލުވުމަށްފަހު ޖުލައި މަހުގެ ތެރޭގައި ބިދޭސީ ޓީޗަރުންގެ ފުރަތަމަ ބެޗު މާލެ ގެނެވުނު ކަމަށް މުޖާހިދު ވިދާޅުވިއެވެ.
މިއަހަރަށް ސުކޫލުތަކުން 122 ޓީޗަރުން ހޯދަން އެދި އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރު ފަށާނީ ނުވަދިހަ ދެހާސް ތިން ސަތޭކައަށްވުރެ ގިނަ ދަރިވަރުންނާއެކުގައި ކަމަށެވެ.
މާލެ ސަރަހައްދުން އެންމެ ގިނަ އެޕްލިކޭޝަންތައް ލިބިފައިވަނީ ޕްރީ ސުކޫލު ނިންމާ ގްރޭޑް އެކަކަށް ވަންނަން އެދުނު ދަރިވަރުންނަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މާލެ ސަރަހައްދުގެ ސަރުކާރު ސުކޫލުތަކަށް ވަނުމަށް އެދި 5260 އެޕްލިކޭޝަން ލިބިފައިވެއެވެ. މިއަހަރު ރާއްޖޭން ބޭރުންވެސް ގިނަ އަދަދެއްގެ ދަރިވަރުން ރާއްޖޭގެ ސަރުކާރު ސުކޫލުތަކަށް ބަދަލުވެފައިވާ ކަމަށް މިނިސްޓްރީން ފާހގަަ ކުރެއެވެ.
މާލެ އާއި ވިލިމާލޭގެ ސަރުކާރު ސުކޫލުތަކަށް 1790 ވަރަކަށް ދަރިވަރުން ގްރޭޑް 1 އަށް ވަދެފައިވެއެވެ. އަދި ހުޅުމާލޭގެ ސުކޫލުތަކަށް 12،000 އެއްހާ ދަރިވަރުންނަށް ގްރޭޑް 1 އަށް ޖާގަދީފައިވެއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ އިންޓަނޭޝަނަލް ސުކޫލުތަކަށްވެސް ގިނަ އަދަދެއްގެ ދަރިވަރުން އަލަށް ގުޅިފައިވެއެވެ.
މިއަހަރު އެކި ގްރޭޑްތަކަށް، މާލޭ ސަރަހައްދުގެ ސުކޫލުތަކަށް ވަންނަން އެދުނު ދަރިވަރުންގެ އަދަދު އެހެން އަހަރު ތަކަށްވުރެ 1000 އާއި 1500 އާއި ދެމެދުގެ އަދަދަކަށް އިތުރުވިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.