ޗައިނާއިން ޓައިވާނުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ފަށާފައިވާ އަސްކަރީ ޑްރިލްގެ ތެރެއިން ޓައިވާނުގެ ކަނޑުގެ ސަރަހައްދަށް ބެލެސްޓިކް މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށް ޓައިވާނުން ބުނެފިއެވެ.
ޗައިނާގެ ސިފައިން ހިންގާ 'ލައިވް ފަޔަރ މިލިޓަރީ ޑްރިލް' ގެ ސަބަބުން ޓައިވާން ސަރަހައްދުން ދަތުރު ކުރާ ވިޔަފާރިވެރި އުޅަނދުތަކަށް ވަނީ އެހެން މަގުތައް ހިޔާރު ކުރަން ޖެހިފައެވެ.
ޗައިނާއިން ބުނީ ޓައިވާން ކައިރީގެ 6 ސަރަހައްދެއްގައި، މި ޑްރިލް 3 ދުވަހަށް ކުރިޔަށް ގެންދާނެ ކަމަށެވެ.
މިއީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓިވްސްގެ ރައީސް، ނެންސީ ޕިލޯސީ އަންގާރަ ދުވަހުގެރޭ ޓައިވާނަށް ވަޑައިގެންނެވުމާއި ގުޅިގެން އޭގެ ރައްދުގައި ޗައިނާއިން ފެށި އަސްކަރީ ތަމްރީނެވެ. ޕިލޯސީ ޓައިވާނަށް ވަޑައިގެންނެވީ ޗައިނާގެ ނުރުހުމުގައި އަދި ޗައިނާގެ އިންޒާރުތަކަށް ގޮން ޖެއްސެވުމަށްފަހުއެވެ.
ޗައިނާއިން ތަކުރާރުކޮށް ބުނަމުން ގެންދިޔައީ ޕިލޯސީ ޓައިވާނަށް ވަޑައިގެންފިނަމަ ޗައިނާގެ އަސްކަރިއްޔާިއން މަޑުން ނުތިބޭނެ ކަމަށެވެ.
ޓައިވާންގެ ރައީސް ސައި އިންގ ލިންގ ވިދާޅުވީ ޗައިނާގެ ބިރު ދެއްކުންތަކަށް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
ޓައިވާނަކީ ޗައިނާ އާއި ވަކިން އޮންނަ އެހެންނަމަވެސް ޗައިނާގެ ޕްރޮވިންސެއް ކަމަށް އެގައުމުން ދެކެއެވެ. ޓައިވާނުން މިކަމާ ދެކޮޅު ހަދައެވެ.
ޓައިވާނުގައި އަމިއްލަ ގާނޫނު އަސާސީއަކާއި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިހާބުކޮށްފައިވާ ރައީސަކު ހުންނަވައެވެ. އަދި ތިން ލައްކައެއްހާ ސިފައިން އެގައުމުގައި އަސްކަރިއްޔާގައި އުޅެއެވެ.
ޗައިނާގެ އަސްކަރީ ފަރިތަކުރުންތައް ޓައިވާންގެ ވަށައިގެން ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދުގައި ހިންގަމުންދާތީ އެސަރަހައްދުން ދަތުރު ކުރާ ވައިގެ އުޅަނދުތަކާއި ކަނޑު އުޅަނދުތައް ޓައިވާންގެ ސަރަހައްދުން ދަތުރު ކުރުން ހުއްޓުވާ ޓައިވާންގެ އިސްތިގުލާލަށް ޗައިނާއިން އަރައިގެންފައިވާ ކަމަށް ޓައިވާނުން ބުނެއެވެ.
އަދި ގަދަބާރުން ކަންކަން ހައްލު ނުކުރެވޭނެ ކަމަށާއި ޗައިނާގެ މިލިޓަރީ ޑްރިލްގެ ސަބަބުން ޗައިނާ އާއި ޓައިވާން ތަފާތު ދެ ގައުމެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލު ނުކުރެވޭނެ ކަމަށްވެސް ޓައިވާނުން ބުންޏެވެ.