ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނަށް އެހީވެދިނުމުގެ ގޮތުން، ޗައިނާއިން ރަޝިޔާއަށް ސިޔާސީ އަދި އިގްތިސާދީ ނުފޫޒު ފޯރުވުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ގޮވާލައްވައިފިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް މިކަމަށް ގޮވާލައްވާ ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ހުއްޓުވުމަށް ޗައިނާގެ ރައީސް އާއި އެކު ސީދާ މަޝްވަރާ ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށެވެ.

ސައުތް ޗައިނާ ޕޯސްޓަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވީ ފެބުރުއަރީމަހު ރަޝިޔާއިން ޔޫކުރެއިން އަށް ހަމަލާ ދޭން ފެށުމާއި އެކު ޗައިނާގެ ރައީސް އާއި ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމަށް އެދިވަޑައިގެން އެތައް ފަހަރަކު ހުށަހެޅުއްވި ކަމަށެވެ. އެހެންނަމަވެސް އަދިވެސް ބައްދަލުވުމެއް ހަމަޖެހިފައި ނުވާ ކަމަށެވެ.

ދެބޭފުޅުންގެ ދެމެދުގައި ސީދާ މަޝަވަރާ ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި، ޗައިނާ އާއި އެކު މަޝްވަރާ ކުރެއްވިއްޖެނަމަ ފައިދާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާގެ އެންމެ މުހިންމު ބައިވެރިއަކީ ޗައިނާއެވެ. އެހެންނަމަވެސް މިދިޔަ ފެބުރުއަރީ މަހުގެ 24 ގައި ޔޫކްރެއިނުގައި ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ހިންގަވަން ފެއްޓެވި ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އިއުލާނު ކުރެއްވުމުން ބައިނަލްއަގްވާމީ ކަންބޮޑުވުންތައް އުފެދުނު ނަމަވެސް، ޗައިނާއިން އެކަން ކުށްވެރިކޮށްފައެއް ނުވެއެވެ.

ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައިގައި 5،327 އާންމުން ވަނީ މަރުވެފައެވެ. މީގެ އިތުރުން 12 މިލިއަން މީހުން ވަނީ އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.