އިރާގުގެ ގާނޫނު ހަދާ މަޖިލީސް އުވާލަންދެން އެ އިމާރާތުން މުޒާހަރާގެ ބައިވެރިން ނުނިކުތުމަށް މަޝްހޫރު ޝީއީ އިލްމްވެރިޔާ އަދި އިދިކޮޅު ލީޑަރު މުގްތަދާ އަލް ސަދްރް މިއަދު ގޮވާލައްވައިފިއެވެ.
އިރާގުގެ މަޝްހޫރު އިދިކޮޅު ލީޑަރު ސަދްރުގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހަށް ވަދެ އެގައުމުގެ އާ ބޮޑުވަޒީރަކު ކަނޑައެޅުމަށް ބާއްވަން އުޅުނު ޖަލްސާ ހުއްޓުވީ މިދިޔަ މަހުއެވެ. އޭގެ ފަހުން އަނެއްކާވެސް މަޖިލީހުގައި ޖަލްސާތައް ބޭއްވިޔަ ނުދީ މުޒާހަރާގެ ބައިވެރިންވަނީ ސަލާމަތީ ބާރުތަކުގެ ސަފުތައް ފޫއަޅުވާލުމަށްފަހު އަނެއްކާވެސް މަޖިލިސް ކުރާ ގެއަށް ވަދެ އެތަން ހިފާފައެވެ.
އާންމުގެ މެދުގައި މަގްބޫލު ޝީއާ ލީޑަރު ސަދްރް ނަޖަފްގައި ހުންނަވައިގެން ޓީވީ މެދުވެރިކުރައްވާ އޭނާގެ ސަޕޯޓަރުންނަށް ވިދާޅުވީ ގާނޫނު ހަދާ މަޖިލީސް އުވާލާ އަވަސް އިންތިހާބެއް ބާއްވާ ގާނޫނު އަސާސީ އިސްލާހު ނުކުރާހާ ހިނދަކު މަޖިލީހުން ނުނިމެ ތިބެންވީ ކަމަށެވެ.
މިދިޔަ ހަފްތާގައި މުޒާހަރާގެ ބައިވެރިން ގާނޫނު ހަދާ މަޖިލީހަށް ވަދެ އެތަނުގެ ކޮންޓްރޯލް ހޯދީ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދަނިކޮށްނެވެ. މިހާރު އެމީހުންވަނީ ކާ އެއްޗެހި ލިބޭ ސްޓޯލްތަކާއި ޓެންޓްތައްވެސް މަޖިލީސް ކުރާ ގޭގެ ބޭރުގައި ގާއިމުކޮށްފައެވެ.
އިރާގު ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާއިރު މިހާރު މިވަނީ އެގައުމުގައި އިންތިހާބުކޮށްފައިވާ ސަރުކާރެއް ނެތި 10 މަސްދުވަސްވާން ކައިރިވެފައިވާތީ އެވެ. ރައްޔިތުންގެ އުތުރިއެރުން ފެށުނީ ބޮޑުވަޒީރު ކަމަށް އީރާނާއި ގާތްގުޅުމެއް އޮންނަ މުހައްމަދު އަލް ސޫދާނީގެ ނަން ހުށަހެޅުމުންނެވެ. އޭނާ އަކީ އަލް ސަދްރް ރުހޭ ލީޑަރެއް ނޫނެވެ.
މިދިޔަމަހު ބޭއްވި އާއްމު އިންތިހާބުގައި އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދީ ސަދްރްގެ ކޯލިޝަނުން ކަމުގައިވިޔަސް އެ ކޯލިޝަނަށް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ނުދިނީ ވޯޓަށް ފަހު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ. މިއީ ސައްދާމް ހުސެއިންގެ ދުވަސްވަރަށް ފަހު އިރާގުގައި ސަރުކާރެއް އިންތިހާބު ނުކޮށް މިހާ ގިނަ ދުވަސްވީ ފުރަތަމަ ފަހަރެވެ.