ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ އައްޝައިހް އާދަމް ނިޝާން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލައަކީ ކްރިމިނަލް ކޯޓުގެ އަމުރު އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުގައި ކުރިއަށްދިޔަ މައްސަލައެކެވެ.
މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވނަނީ ރިޔާސަތު ބަލެހެއްޓެވި ފަނޑިޔާރު ހުޒައިފާ މުޙައްމަދާއި ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ.
ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމުގައި ބަޔާންކޮށްފައިވަނީ މައްސަލައެއްގައި މީހަކު ހައްޔަރުކުރާއިރު، އެ މައްސަލައިގެ ތަހުގީގު އޮންނާނީ ވަރަށް ޅަފަތުގައި ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ވަރަކަށް އާ ހެކިތައް ލިބުމާއި އާ ކަންކަން ނިއުޅެމުން ދާނެ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ބަންދުކުރަން އެދޭ ސަބަބުތަކުގެ ތެރޭގައި ފުލުހުން ކޯޓަށް ހުށަހެޅި ފޯމުގައި ހިމަނާފައިވާ ކަންކަމަކީ އުފަންކޮށްފައިވާ ކަންކަން ނޫން ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
ފަނޑިޔާރު ވިދާޅުވީ އެ އަމުރު ނެރެފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމަށެވެ. އަދި މި މައްސަލައިގައި ހުށައެޅިފައިވާ އިންޓެލް ރިޕޯޓުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަވާކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އެދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ހަރަކާތް ހުއްޓުވުމަށް އެތަނަށް ވަދެ ބަޔަކު ވަނީ އެތަނުގައި ހުރި ތަކެއްޗާއި ހަރަކާތުގައި ތިބި މީހުންނަށް ހަމަލާ ދީފައެވެ.
ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ.