ރާއްޖެ އިން އުމްރާގެ އަޅުކަމަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދެވޭނީ އެކަމަށްޓަކައި އާންމުކޮށްފައިވާ އުސޫލާ އެއްގޮތަށް ކަމަށާ އެގޮތުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު ގެޒެޓްކޮށްފައިވާ އެ އުސޫލުގެ ފަސްވަނަ މާއްދާގައި ބުނެފައިވަނީ އުމްރާއަށް މީހުން ގެންދެވޭނީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށް އެކަނި ކަމަށާ އެ ކުންފުނިތަކުގެ ވެރިންނަކީ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް 41 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ކުރިން ހުއްދަ ދީފައިވެ އެވެ.