އަލް މަގްރިބީ ހޯދަން އެމެރިކާއިން އާންމުކޮށްފައިވާ ޕޯސްޓަރެއް

އަލްގައިދާގެ ލީޑަރ އައިމަން އަލްޒަވާހިރީ އަށް ފަހު އެމެރިކާގެ "މޯސްޓް ވޯންޓެޑް ލިސްޓު'ގެ އެންމެ ކުރީގައި ހިމެނެނީ އަލްޒަވާހިރީގެ ދަނބިދަރިއެއް ކަމަށްވާ އަބްދު އަލް ރަހްމާން އަލް މަގްރިބީ އެވެ. ބެލެވޭ ގޮތުގައި ދެން އަލްގައިދާގެ ލީޑަރުކަން ހަވާލު ކުރާނީ މަގްރިބީ އާއެވެ.

މޮރޮކޯއަށް އުފަން މަގްރިބީ އެމެރިކާގެ މޯސްޓް ވޯންޓެޑް ލިސްޓުގައި ހިމަނާފައިވަނީ އަލްގައިދާއާއި އޭނާ އާއި އޮންނަ ގުޅުން ސާފުކުރުމަށެވެ. އަލް މަގްރިބީ އަކީ ޖަރުމަނު ވިލާތުން ސޮޕްޓްވެއާ ޕްރޮގްރާމިންގެ ދާއިރާއިން ކިޔަވާފައިވާ މީހެއް ކަމަށްވެއެވެ.

އޭގެ ފަހުން އޭނާވަނީ އަފްޣާނިސްތާން ގޮސް އަލްގައިދާގެ މީޑިއާ ގޮފި ކަމުގައިވާ އަލް ސަހާބް ހިންގުމާ ހަވާލުވެފައެވެ. 9 ސެޕްޓެމްބަރު 2011 ގައި އެމެރިކާއަށް އަލްގައިދާއިން ދިންކަމަށް ބުނާ ހަމަލާ އަށް ފަހު އޭނާ އަފްޣާނިސްތާނު ދޫކޮށް އިރާގަށް ދިޔައެވެ.

އޭގެފަހުން އުޅުނު ކަމަށް ބެލެވެނީ އިރާން އާއި ޕާކިސްތާނުގައި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނެއެވެ. މީނާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް އެމެރިކާއިން ވަނީ ހަތް މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައެވެ.

މި ލިސްޓުގައި ދެވަނައިގައިވަނީ ސާޖިދު މީރް އެވެ. އޭނާ ހޯދަން އެމެރިކާއިން އިއުލާނު ކުރީ، 2008 ވަނަ އަހަރުގެ ނޮވެމްބަރު 26 ން 29 އަށް މުންބާއީއަށް ދިން ޓެރަރިސްޓް ހަމަލާ އާއި އޭނާ އާއި ގުޅުން އޮތުމުން ކަމަށް އެމެރިކާއިން ބުނެއެވެ.

މުންބާއީއަށް ހަމަލާދިން ޕާކިސްތާނުގައި ގާއިމުވެ ތިބޭ ލަޝްކަރީ ތައިބާގެ ހަނގުރާމަ ވެރިންނަށް ތަމްރީނުދިނީ އޭނާ ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ. 170 މީހުން މަރުވި މިހަމަލާގައި އެމެރިކާގެ 6 ރައްޔިތަކުވެސް ހިމެނެއެވެ.

މީރް އަކީ މި ހަމަލާ ރޭވުމުގެ އެންމެ އިސް މޭސްތިރި ކަމަށް އެމެރިކާއިން ބުނެއެވެ. މީރުގެ މައްޗަށް ކުރެވޭ ތުހުމަތު ތަކުގެ ތެރޭގައި 2008 ން 2009 އަށް ޑެންމާކްގެ ނޫހަކަށާއި އެނޫހުގެ ޖާނަލިސްޓުންނަށް ދިން ހަމަލާވެސް ހިމެނެއެވެ.

ޓެރަރިޒަމަށް ވާގިވެރިވުމާއި ކުށެއްނެތް މީހުން މެރުމާއި އާންމު ތަންތަނުގައި ބޮން ގޮއްވުމުގެ ހަމަލާތަކުގެ ތުހުމަތުގައި އެމެރިކާއިން 22 އޭޕްރީލް 2011 ގައި ހައްޔަރު ކުރުމުގެ އަމުރެއްވެސް ނެރުނު މީރް އާއި ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 5 މިލިއަން ޑޮލަރުގެ އަގެއް އެމެރިކާއިން ހުށަހަޅާފައިވެއެވެ.

މި ލިސްޓުގެ ތިން ވަނައިގައި ހިމެނެނީ އިޝާމީ މުސްލިމް އަލީއެވެ. އޭނާ ހޯދަނީ 31 ޑިސެމްބަރު 1984 ގައި އެމެރިކަން އެއާލައިންސްގެ ފްލައިޓް 626 ހައިޖެކް ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައެވެ.

އަލީ އަކީ ނިއުޔޯކްގެ ޖަލަކުން އެހެން ރަށެއްގެ ޖަލަށް ބަދަލު ކުރުމަށް އެ މަތިންބޯޓުން ދަތުރު ކުރި ކުއްވެރިއެކެވެ. އޭރު އޭނާ ގެންދިޔައީ ފަތުރުވެރިންތަކެއް މަރާލި މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އޭނާ ހައްޔަރުކުރަން އެމެރިކާއިން އަމުރު ނެރުނީ 17 އޭޕްރީލް 1985 ގައެވެ.

ދެން މިލިސްޓުގައި ހިމެނެނީ ޖާބިރް އޭ އެލްބަނީހް އެވެ. އޭނާއަކީ ޓެރަރިސްޓް އޮގަނައިޒޭޝަންތަކަށް އަދި ވަކިން ހާއްސަކޮށް އަލްގައިދާއަށް ތަކެތީގެ އެހީ ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައި 2003 ވަނަ އަހަރު އެމެރިކާއިން ހޯދަން ފަށަފައިވާ މީހެކެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ޔަމަނުންނެވެ. އޭނާ ހައްޔަރުކުރުމަށް އެހީވެދޭ ފަރާތަކަށް އެމެރިކާއިން ހުށަހަޅާފައިވާ އަގަކީ 5 މިލިއަން ޑޮލަރެވެ.

ސައިފް އަލް އާދިލް އަކީ އަލްގައިދާ ވުޖޫދަށް ގެނައި މީހުންގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުރި ހަމައެކަނި މީހާކަމަށް ބުނެވޭ

އެމެރިކާގެ މޯސްޓް ވޯންޑެޓް ލިސްޓްގައި ދެން ހިމެނެނީ ސައިފް އަލް އާދިލް އެވެ. މީނާއަކީ ދެން އަލްގައިދާގެ ލީޑަރުކަމަށް ގެންނާނެ ކަމަށް ބެލެވޭ މީހުންގެ ތެރޭގައިވެސް ހިމެނޭ މީހެކެވެ.  އޭނާއަކީ އަލްގައިދާގެ އިސް ވެރިއެއް ކަމަށް އެމެރިކާއިން ގަބޫލުކުރެއެވެ. އޭނާ ހޯދަން އިއުލާން ކޮށްފައިވަނީ 1998 ވަނަ އަހަރު ޓެންޒޭނިއާ އާއި ކެންޔާގައި ދިން ބޮމުގެ ހަމަލާތަކާއި އޭނާއާ ގުޅުން އޮތުމުން ކަމަށް އެމެރިކާއިން ބުނެއެވެ.ސައިފް ހައްޔަރުކުރުމަށް އެހީވެދޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ.

މުހައްމަދު އަލީ ހަމަދީ އަކީވެސް އެމެރިކާގެ އެފްބީއައި އިން ހައްޔަރުކުރަން ބޭނުންވާ މީހެކެވެ. އޭނާ މޯސްޓް ވޯންޓެޑް ލިސްޓުގައި ހިމަނާފައިވަނީ 1985 ވަނަ އަހަރު މަތިންދާ ބޯޓެއް ހައިޖެކްކޮށް އެބޯޓުން ދަތުރު ކުރި އެމެރިކާ މީހެއް މަރުވި މައްސަލައަކާއި ގުޅިގެންނެވެ.

އޭނާ އަކީ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ މެންބަރެއް ކަމަށް ތުހުމަތު ކުރުވޭ ކަމަށް އެމެރިކާއިން ބުނެއެވެ. އޭނާ ހައްޔަރު ކުރުމަށް އެހީވެދޭ ފަރާތަކަށް 5 މިލިއަން ޑޮލަރުގެ އިނާމެއް ކަނޑައަޅާފައިވެއެވެ.

އެމެރިކާއިން ހޯދާ މީހުންގެ ތެރޭގައި ދެން ހިމެނެނީ މުހައްމަ އަލް މުނައްވަރެވެ، މުނައްވަރު ހޯދަން އިއުލާން ކޮށްފައިވަނީ 1986 ވަނަ އަހަރުގެ ސެޕްޓެމްބަރު 5 ވަނަ ދުވަހު ޕާކިސްތާނުގެ ކަރާޗީއަށް ޖެއްސި، ޕޭން އެމެރިކަން ވޯލްޑް އެއާވޭސްގެ ފްލައިޓް 73 ހައިޖެކް ކުރި މައްސަލައާއި ގުޅިގެންނެވެ. މި ހަމަލާގައި އެ ބޯޓުން ދަތުރުކުރި 20 މީހުންނާއި ކުރޫއިން މަރުވެފައިވާއިރު އޭގެ ތެރޭގައި އެމެރިކާގެ ރައްޔިތުންވެސް ހިމެނެއެވެ.

އެމެރިކާގެ އެފްބީއައިއިން ލަފާ ކުރާ ގޮތުގައި މުނައްވަރު ފަހުން އުޅެފައިވާނީ މެދު އިރުމަތީގެ ގައުމެއްގައެވެ. އޭނާ ހައްޔަރު ކުރުމަށް މައުލޫލާތު ފޯރުކޮށްދޭ ފަރާތަކަށް އެމެރިކާއިން ވަނީ 5 މިލިއަން ޑޮލަރު ހުށަހަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.