ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަދަ ވެރިއެއް އަބަދު ނުލިބޭނެ ކަމަށް ވިދާޅުވެ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވައިފި އެވެ.
ރ.އަލިފުށި ބިން ހިއްކުމާއި އެއާޕޯޓުގެ އަމަލީ މަސައްކަތް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ މި ވެރިކަމުގެ ތިން އަހަރުތެރޭ މުޅި ރާއްޖޭގެ ތާރީހުގައި ވެސް ނުކުރެވޭ ވަރަށް މަސައްކަތްތައް ކުރެވިފައިވާ ކަމަށާއި މިއަދު ރާއްޖޭން ފެންނަމުން ދަނީ އާދަޔާ ހިލާފު ތަރައްގީގެ ދުވަސްތަކެއް ކަމަށެވެ.
އާޒިމް ވިދާޅުވީ ރައީސް ދުލުން ބަސްފުޅެއް ވިދާޅުވަނީ ވިސްނާ ފިކުރުކޮށް އެކަން ކުރެވޭނެ ގޮތެއް ފެންނަން އޮތުމުން ކަމަށާ ރައީސް ސޯލިހު ފަދަ ކަންކަން ކޮށްދޭން ބޭނުންފުޅުވާ ރައީސަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން މިދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން އެކަނި 92 މަޝްރޫއު ނިންމާފައިވާއިރު މިހާރު އިތުރު 110 މަޝްރޫއެއްގެ މަސައްކަތް ކުރަމުންދާކަން އާޒިމް ފާހަގަކުރެއްވިއެވެ.
އާޒިމް ވިދާޅުވީ އަނގައިން ބަސްފުޅެއް ވިދާޅުވުމަށްފަހު އެކަން ތެދުކުރައްވާ ވެރިން މާގިނައިން ނުލިބޭނެ ކަމަށާއި އެފަދަ ބައިވަރު ވެރިން ދެކެފައިވާ ކަމަށެވެ.