ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީ އާއި ހަވާލުކޮށްގެ ސަރުކާރުން ވަނީ ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ގޮތުން 46.466 އަކަ މީޓަރުގައި ތާރު އަޅާފައެވެ.
އެކި ކުންފުނި ތަކާއި ހަވާލުކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ހަނިމާދޫ މަގުހެދުމުގެ މަސައްކަތްތައް ކުރެވެމުން ދިޔައެވެ. އެމްޓީސީސީ އާއި މިކަން ހަވާލުކުރީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

ހދ. ހަނިމާދޫ
މަގު ހެދުމުގެ މަޝްރޫއުގެ ތެރޭގައި 16،518 އަކަމީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމު ކުރުމާއި 38،916 މީޓަރުގެ ދުވާ ސަރަހައްދެއް ގާއިމުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މިއީ 76.09 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީ އާއި މަސައްކަތް ހަވާލުކުރުމުގެ ކުރިން އެކި ފަހަރު މަތިން މި މަސައްކަތް ހުއްޓިފައިވެސް އޮތެވެ.
ހަނިމާދޫ މަގުތަކުގައި ފެންބޮޑުވާ މައްސަލައާއި އަޑި ގުޑަންތައް ގިނަވުމުގެ މައްސަލަ އަކީ ރައްޔިތުން އެތައް އަހަރެއް ވަންދެން ފާހަގަކުރަމުން ގެންދިޔަ ކަންބޮޑުވުމެކެވެ.
އުތުރުގެ އެންމެ ދުވަސްވީ އެއާޕޯޓް އޮންނަ ހަނިމާދޫއަކީ އެކި ބޭނުންތަކަށް ކައިރި ރަށްތަކުން ގިނަ އަދަދަކަށް މީހުން އަރާ ފައިބާ ރަށެއްކަން ފާހަގަ ކުރެއެވެ.