ރ އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަޝްރޫއަކީ 451.61 މިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެކެވެ.
އިއްޔެ މި މަސައްކަތް ފެށުމުގު ގޮތުން އެރަށުގައި ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެމްޓީސީސީން ބުނީ އަލިފުށީ އެއާޕޯޓްގެ މަސައްކަތް ފެށޭނީ ބިން ހިއްކާ ނިމުމުން ކަމަށެވެ.
އެގޮތުން 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި 2871 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
މީގެ އިތުރުން 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، ރަންވޭއަކާއި، އޭޕްރަންއަކާއި، ޓެކްސީވޭއާއި ފަޔަރ ޕެޑަކާއި މަގުތައް ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
އެއާފީލްޑް ލައިޓިން ސިސްޓަމް ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި އަލިފާން ނިންވާ އިކުއިޕްމެންޓް ހަރުކުރުން އަދި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ހެދުމުގެ މަސައްކަތްވެސް މީގެ ތެރޭގައި ހިމެނެއެވެ.
ބިންހިއްކުމާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހު ކޮށްދެއްވީ އަލިފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން އެވެ. މި ރަސްމިއްޔާތުގައި އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.