ދިވެހިރާއްޖެއަކީ އަބަދުވެސް އިންޑިއާގެ ހަޤީޤީ އެކުވެރިއެއްގޮތުގައި ދެމިއޮންނާނެ ޤައުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިންޑިއާއި ރާއްޖެއާއި ދެމެދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ހައިދަރުއާބާދު ހައުސްގައި މިއަދު މެންދުރުފަހު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައެވެ.

މި ޖޮއިންޓް ސްޓޭޓްމަންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ދެ ޤައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރުމާއި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުން ދެ ބޭފުޅުންވެސް ވާހަކަފުޅުދެއްކެވިއެވެ.

މި ސްޓޭޓްމެންޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން މެދުކެނޑުމެއް ނެތި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ވެދެއްވި އެހީތެރިކަންވެސް ފާހަގަކުރައްވައި އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ. ކޯވިޑް-19 އިން ލިބުނު ފިލާވަޅުތަކުގެ އަލީގައި، އެފަދަ ކަންކަމުން ކުރިމަތިވެދާނެ އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެ ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމަށް ފައިދާހުރި އަދި ގުޅިގެން ކުރިޔަށްގެންދެވޭނެ އިންވެސްޓްމަންޓްތަކަށް ހުރި ފުރުޞަތުގެ ބޭނުން ހިފުމަށް އިންޑިއާގެ އިންވެސްޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މީޑިޔާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޯލިޝަން ފޮރ ޑިޒާސްޓަރ ރެޒިލިއަންޓް އިންފްރާސްޓްރަކްޗަރ (ސީ.ޑީ.އާރު.އައި)، އިންޓަރނޭޝަނަލް ސޯލާ އެލަޔަންސްގައި ބޮޑުވަޒީރު މޯދީ އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވައި، 2070 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ކާބަން އެމިޝަނަށް ވާޞިލުވުމަށް އިންޑިއާއިން ވެފައިވާ ވަޢުދަށް މަރުޙަބާ ވިދާޅުވެފައެވެ. އިންޑިއާގެ ބޮޑުވަޒީރު ވެސް ވަނީ ރާއްޖެއިން 2030 ވަނަ އަހަރާ ހަމައަށް އަންނަ އިރު ނެޓް ޒީރޯ އަށް ވާޞިލުވުމަށް ވަޢުދުވެފައިވާތީ އެކަމަށް ތައުރީފުކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިފާޢީ ދާއިރާއިން ދެޤައުމުން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދެވަނަ ލޭންޑިންގ އެސޯލްޓް ކްރާފްޓަކާއި، ސީ.ޖީ.އެސް ހުރަވީ ބަދަލުގައި އެހެން އުޅަނދެއް ދިވެހި ސިފައިންނަށް ދެއްވުމަށާއި އަދި 24 ޔުޓިލިޓީ ވެހިކަލް ދިވެހި ސިފައިންނަށް ހަދިޔާކުރުމަށް އިޢުލާނު ކުރައްވާފައިވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ރާއްޖެއަކީ އަބަދުވެސް އިންޑިއާގެ ޙަޤީޤީ ރަޙްމަތްތެރިއެއްގެ ގޮތުގައި ދެމިއޮންނާނެކަމާއި މި ސަރަޙައްދުގެ ޞުލްޙައާއި ތަރައްޤީއަށް ދެޤައުމުންވެސް ގެންގުޅޭ ތަޞައްވުރު އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.