ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރުމާގުޅޭ 6 އެއްބަސްވުމެއް ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު މިއަދު ބަދަލުކުރައްވައިފިއެވެ.

މި އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ނިއުދިއްލީގެ ހައިދަރުއާބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ އޮފް މެމްބަރސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" އަކީ ދެ ޤައުމުގެ ދެމެދުގައި ފަންނީ ޤާބިލުކަން އިތުރުކުރުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާއި އިންޑިއާގެ މިނިސްޓްރީ އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ގުޅިފައިވާ އެހެނިހެން މުވައްޒަފުންނަށް ފަންނީ އެހީތެރިކަމާއި ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިއަދު ބަދަލުކުރެވުނު "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ ފޮރ ކޯޕަރޭޝަން އިން ދި އޭރިއާ އޮފް ސައިބަރ ސެކިއުރިޓީ" އަކީ ދެ ޤައުމުގެ ދެމެދުގައި ސައިބަރ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި އިންޑިއާގެ އިންޑިއަން މިނިސްޓްރީ އޮފް ރެއިލްވޭސް، ކޮމިއުނިކޭޝަންސް އެންޑް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ތެރެއިން ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދިނުން އިތުރުކުރުމާއި ޤާނޫނާއި ޤަވައިދުތަކާ އެއްގޮތަށް މަޢުލޫމާތު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދެ ޤައުމުގެ ދެމެދު މިއަދު ބަދަލުކުރެއްވި "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކޮލެބޮރޭޝަން އިން ޕޮޓެންޝަލް ފިޝިންގ ޒޯން ފޯރކާސްޓް ކެޕޭސިޓީ ބިލްޑިންގ" އަކީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި އިންޑިއާގެ މިނިސްޓްރީ އޮފް އަރތް ސައިންސަސްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ދެން ބަދަލުކުރެއްވި އެއްބަސްވުން، "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ޑިޒާސްޓަރ މެނޭޖްމަންޓް" އަކީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސް އަދި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ތެރެއިން ކާރިސާގެ ޙާލަތްތައް ބެލެހެއްޓުމުގައި ދެޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު، ޕޮލިސް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސްއާއި އެކްސްޕޯޓް އިމްޕޯޓް ބެންކް (އެގްޒިމް ބެންކް) އޮފް އިންޑިއާއާ ދެމެދު ވަނީ ސޮއިކުރެވިފައެވެ.

މީގެ އިތުރުން، ހުޅުމާލޭގައި އިތުރު 2،000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް 119 މިލިއަން އެމެރިކާ ޑޮލަރުގެ ލެޓަރ އޮފް އިންޓެންޓް އޮން ބަޔަރސް ކްރެޑިޓް ފަންޑިންގ އެޕްރޫވަލް އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސްއާއި އެކްސްޕޯޓް އިމްޕޯޓް ބެންކް (އެގްޒިމް ބެންކް) އޮފް އިންޑިއާއާ ދެމެދު ވަނީ ސޮއިކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.