އިރާގުގައި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާ މީހުން އަނެއްކާވެސް ގާނޫނު ހަދާ މަޖިލީސް ހިސޯރުކޮށްފިއެވެ.
އިރާގުގެ ނުފޫޒުގަދަ އިދިކޮޅު ލީޑަރު، މުގްތަދާ އަލް ސަދްރު ގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހަށް ވަދެގަންނަށް އުޅުމުގެ ތެރޭގައި އިއްޔެ ވަނީ 125 މީހަކަށް އަނިޔާވެފައެވެ. މިދިޔަ ބުދަ ދުވަހުވެސް އެމީހުން ވަނީ މަޖިލީސް ކުރާ ގެއަށް ވަދެ އެ އިމާރާތުގެ ކޮންޓްރޯލް އަތުލާފައެވެ.
އިއްޔެ މުޒާހަރާގެ ބައިވެރިން ގާނޫނު ހަދާ މަޖިލީސް ކައިރީ އަޑު އުލުފުމަށްފަހު އެތަން ހިސޯރު ކުރިއިރު ބުދަ ދުވަހު އެމީހުންވަނީ ގާނޫނު ހަދާ މަޖިލީހަށްވަދެ އާ ބޮޑުވަޒީރެއް ކަނޑައެޅުމަށް ބާއްވަން އުޅުނު މަޖިލީހުގެ ބައްދަލުވުން ހުއްޓުވާފައެވެ.
އިރާގުގެ ގްރީން ޒޯން ފޫއަޅުވާލާއި ކޮންކްރިޑް ބްލޮކްތަކުން ބަނދުކޮށްފައި އޮތް ސަރަހައްދަށް މުޒާހަރާގެ ބައިވެރިން ވަނީ ކޮންކްރިޓް ބްލޮކްތައްވެސް ހަލާކުކޮށްލާފައެވެ. ގާނޫނު ހަދާމަޖިލީސް ހިސޯރުކުރުމުގެ ކުރިން ސަރުކާރު ބައެއް އޮފީސްތަކާއި ބޭރުގައުމުތަކުގެ މިޝަންތަކާވެސް އެމީހުން ދިމާކުރިއެވެ.
އިރާގުގެ ހެލްތް މިނިސްޓްރީން ބުނިގޮތުގައި މިފަހަރު ގާނޫނު ހަދާ މަޖިލީހަށް ވަންނަށް އުޅުމުގެ ތެރޭގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 100 މީހުންނަށް އަނިޔާވިއެވެ. އަދި 25 ސެކިއުޓީ އޮފިޝަލުން އަނިޔާވިއެވެ.
އަލް ސަދްރުގެ ސަޕޯޓަރުންނާއި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފުލުހުންވަނީ ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުންކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން ގެންދިޔައީ ފުލުހުންނާ ދިމާއަށް ގާ އުކަމުންނެވެ.
އިރާގުގައި މުޒާހަރާ ކުރާ މީހުން އަޑުއުފުލަމުން އަންނަނީ ކޮރަޕްޝަން ނެތް ސަރުކާރެއް ގާއިމުކުރުމަށެވެ. ގައުމީ ދިދަ އާއި ޝީއާ ލީޑަރު އަލް ސަދްރުގެ ފޮޓޯ ހިމެނޭ ޕޯސްޓަރުތައް ހިފައިގެން އަޑުއުފުލަމުންދާ އާންމުން އެދެނީ ކޮރަފްޝަނުން ސާފު އަދި ރައްޔިތުން އެދޭ ވެރިއެއް ހޮވުމަށެވެ.