ރަހްމަތްތެރިޔަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ އަގު ބޮޑު އެއް ޖަވާހިރު ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ރަހްމަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ހޯރަފުށީ ކައުންސިލް ގުޅިގެން މިއަދު ހަވީރު ބޭއްވި އިސް ރަށްވެހިންގެ ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ހެޔޮލަފާ، ހެޔޮ އެދޭ ރަހްމަތްތެރިއަކީ އޭނާގެ ދެ ދުނިޔެ ބާއްޖެވެރި ކުރުމަށް މަގު ކޮށައިދޭނެ އެންމެ މުހިންމު އެއް ބަހާ ކަމަށެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ރަހްމަތްތެރި ކަމަށް އިސްލާމް ދީނުގައި ވަރަށް ބޮޑު ބާރެއް އެޅިގެންވާ ކަމަށާއި އިސްލާމީ މުޖުތަމައުގައި އުޅޭ ކޮންމެ މީހަކީ އޭނާގެ ގާތް، އެކުވެރި، ރަޙްމަތްތެރިއަކަށް ވުމަށް ބާރު އަޅުއްވާފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ މުޖުތަމައަކީ ރައްކާތެރި، އަމާން ސުލްޙަވެރި މުޖުތަމައަކަށް ވެގެންދާ ކަމަށެވެ.

އެކަކު އަނެކަކަށް ގޯނާއެއް ނުކުރުމާއި ދެރަކަމެއް ނޭދުމާއި ޖެއްސުމެއް، ފުރައްސާރައެއް ނުކުރުމާއި މިފަދަ ހުރިހާ ކަމެއް ހިމެނިގެންވަނީ އިސްލާމް ދީނުގައި ހިމެނޭ ރިވެތި ރަހްމަތްތެރިކަމުގެ ސިފަތަކުގެ ތެރޭގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ ހަގީގީ ރަހްމަތްތެރިއަކަށް ވެވެނީ އުފަލާއި ހިތާމައިގަ ބައިވެރިވެ ދަތި ދުވަސްތަކާއި ފާގަތި ދުވަސްތަކުގައިވެސް ބައިވެރި ވުމުން ކަމަށެވެ.

މިއަދު ބޭއްވި އާއިލީ ހަވީރުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް މުޙައްމަދު މާހިރު ޢިސާވެސް ވަނީ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.

ސްޓޭޓް މިނިސްޓަރގެ ވާހަކައިގައި ވިދާޅުވީ އެކުވެރިކަމާއި ރަހްމަތްތެރިކަމުގެ ގުޅުން ދަމަހައްޓަންވީ ދުނިޔަވީ ހުރިހާ ނުބައިކަމަކުން ދުރުވުމަށް ކަމަށާއި އެއްވެސް ނުބައި ކަމަކަށް ގާތް ނުވުމަށް ނަސޭހަތްތެރި ވުމަށް ކަމަށެވެ.

ބައިލަންއަގުވާމީ ރަހްމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ހޯރަފުށީ ކައުންސިލް ގުޅިގެން މިއަދު ހޯރަފުށީގައި ބޭއްވި ހަވީރު ހާއްސަކޮށްފައިވަނީ އެރަށުގައި ތިބި އިސް ރަށްވެހިންނަށެވެ.

މި ހަވީރުގައި ބައިވެރި އިސް ރަށްވެހިންނަށް ހަދިޔާދީ އެފަރާތްތަކާއެކު އެކި ކަހަލަ ކުޅިވަރު ކުރިއަށް ގެންދިޔައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *