އެސްޓީއޯގެ މި އަހަރުގެ ދެވަނަ ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓާރގެ ސާފު ފައިދާއަކީ 188 މިލިއަން ރުފިޔާއެވެ. މިއީ، އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ މައިގަނޑު ސަބަބަކީ، ކުންފުނީގެ އެހެނިހެން އާމްދަނީ އިތުރުވުމާއިއެކު ހިންގުމުގެ ހަރަދު ކުޑަކުރެވިފައިވުމެވެ.
މީގެ އިތުރުން ކުންފުނީގެ ސަބްސިޑަރީތަކުން ލިބިފައިވާ ޑިވިޑެންޑް އެކައުންޓް ކުރުމާއިއެކު ކުންފުނީގެ ނެޓް ފައިނޭންސް ކޮސްޓް ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 10 އިންސައްތަ ދަށްކުރެވިފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯގެ ދެވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.9 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ކުއާޓަރއާ އަޅާބަލާއިރު 22 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެލުގެ ޖުމްލަ އާމްދަނީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު އިތުރުވެފައިވުމެވެ.
ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީނަމަވެސް، ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 11 މިލިއަން ރުފިޔާ ދަށްވެފައެވެ. މިއީ 2 އިންސައްތައިގެ ދަށްވުމެކެވެ.
މީގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މަތިވެގެން ދިޔަ ވަރަށް އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގު އެ ނިސްބަތުން އިތުރުކޮށްފައިނުވުން ކަމަށް އެކުންފުނިން ބުނެއެވެ.