ސްރީލަންކާގެ މުޒާހަރާއެއްގެ ތެރެއިން: ފޮޓޯ އޭޕީ

ސްރީލަންކާގައި  އިގްތިސާދީ ހިންގުމުގެ އޮނިގަނޑު  އިސްލާހުކޮށް މުޅިން ބަދަލުކުރަން ޖެހޭ ކަމަށާއި  އެފަދަ ބަދަލުތައް ގެނައުމުން ނޫނީ  ދެން ވޯލްޑް ބޭންކުން ދެން އެހީ ނުވާނެ ކަމަށް ބުނެފިއެވެ.

ދެދުވަސް ކުރިން ވޯލްޑް ބޭންކުން އާންމު ކުރި ބަޔާނެއްގައި ބުނީ ލަންކާގެ ހާލަތު ގޯސްވިފަހުން މިހާތަނަށް  160 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އިތުރު މާލީ އެހީއެއް ވެވޭނީ އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް ރަނގަޅު ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާ އަމަލުކުރަން ފެށުމުން ކަމަށެވެ.

އިގްތިސާދީ ހީނަރުކަން ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގެ ނުރަނގަޅު އަސަރު ލަންކާގެ ރައްޔިތުންނަށް ކުރަމުންދާކަމީ ވޯލްޑް ބޭންކުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ބޭންކުން ބުނީ ސްރީލަންކާގެ މުސްތަގްބަލަށްޓަކައި ކުރީގެ އިގްތިސާދީ ސިޔާސަތުތައް އެއްކޮށް ބަދަލުކޮށް ހިންގުމުގެ އޮނިގަނޑު  މުޅިން އިސްލާހުކުރަން ޖެހޭ ކަމަށެވެ.

ސްރީލަންކާގެ އިގްތިސާދީ ހީނަރުކަމުގެ މައިގަނޑު ސަބަބުކަމަށްވާ ބޭރު ފައިސާގެ ރިޒާވް ހީނަރުވެ، ކާބޯތަކެއްޗާއި، ތެލާ ބޭހުގެ ދަތިކަން ކުރިމަތުވުމުގެ ހަގީގީ މައްސަލައަށް ހައްލުހޯދޭނެ އިސްލާހީ އޮނިގަނޑުތަކެއް އެކުލަވާލަން ޖެހޭ ކަމަށްވެސް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

ބޭހާއި ކައްކާ ގޭހާއި ގަސްކާނާއި ސުކޫލު ކުދިންގެ ކާނާއާއި ފަގީރުންނާއި އެހީއަށް ބޭނުންޖެހިފައިތިބި މީހުންނަށް ދޭނެ ފައިސާ ލިބުމުގެ ދަތިކަން ފިލުވުމަށްޓަކައި ވޯލްޑް ބޭންކުން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަންކަމަށް ވޯލްޑް ބޭންކުން  ފައިސާ ހަޖައްސާނީ ލަންކާއަށް ދޫކޮށްފައިވާ ދަރަނިތައް ދޫކުރި މަގްސަދަކަށް ބަދަލުގެނެސްގެން ނުވަތަ އެ ލޯނުތައް 'ރީޕާޕަސް' ކޮށްގެން ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

އަދި ލަންކާ ރައްޔިތުންގެ މުހިންމު ބޭނުންތައް ފުއްދުމަށް އެހީވުމުގެ ގޮތުން ވޯލްޑް ބޭންކުން  ދޫކޮށްފައިވާ 160 މިލިއަން އެމެރިކާ ޑޮލަރުގެ ފަންޑު ބޭނުންކުރަނީ ކިހިނެތްތޯ ބެލުމަށާއި،  އޭގެ ހައްގުވެރިންނަށް އިންސާފުވެރިކަމާއެކު އެ އެހީ ބެހިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

މީގެ އިތުރުން އަސާސީ ހިދުމަތްތަކާއި ބޭހާއި މެޑިކަލް ސަޕްލައި އަދި ސުކޫލް ކުދިންގެ ކެއުމާއި، ކޮލެޖް ދަރިވަރުންގެ ޓިއުޝަން ފީ ކުޑަކުރުން ފަދަ ކަންކަމަށްދޭ ސަޕޯޓް ބެހިގެންދާގޮތް ބެލުމަށް ލަންކާގެ އެޖެންސީތަކާއި އެކު ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަމަށްވެސް ވޯލްޑް ބޭންކުން ބުނެއެވެ.

ވޯލްޑް ބޭންކުން ބުނީ ދެން ލަންކާއަށް އިތުރު އެހީއެއް ދޫކުރާނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު ( އައިއެމްއެފް) ގެ ލަފާގެ މަތިން ކަމަށެވެ.

ސްރީލަންކާއަށް އިގްތީސާދީ ކާރިސާއާއި ކުރިމަތިލާން ޖެހުނީ ކުރީގެ ރައީސް ގޮޓަބަޔާ ރާޖްޕަކްސާގެ ސަރުކާރާއި އޭގެ ކުރީގެ ސަރުކާރުތަކުންވެސް ގެންގުޅެފައިވާ  ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންނެވެ. އެގަމަށް މިހާލަތު މެދުވީ ދައުލަތު ދަރަނި ބޮޑުވެ ބޭރުފައިސާގެ ރިޒާވް ދަށްވެ ވަހުން ދުވަހަށް ބޭނުންވާ މުދާ އެތެރެކުރުމަށްވެސް ސަރުކާރު ނުކުޅެދުމުންނެވެ. ލަންކާގެ ފޮރިން ރިޒާވް 50 މިލިއަނަށްވުރެ ދަށްވިކަމަށް ސަރުކާރުން އެއްބަސްވީ މިދިޔަ މޭމަހުއެވެ. އޭގެ ކުރިންވެސް ލަންކާގެ އިގްތިސާދަށް އޭގެ ލޮޅުންއަރަމުން ދިޔައެވެ.

ލަންކާގެ ރައްޔިތުންނަށް މިކަމުގެ ސީދާ އަސަރުކުރަން ފެށުމާއެކު ރައްޔިތުން ވަނީ މަގުމައްޗަށް ނުކުމެ އަޑުއުލުފަން ފަށާފައެވެ. އަދި ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާ މުޒާހަރާތައް ވަރުގަދަކޮށް ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާއި ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސާވެ މަގާމުން ދުރުކުރިއެވެ.

ލަންކާގެ އާންމުންގެ ރުޅިވެރިކަން އިތުރުވެ މުޒާހަރާތައް ކޮންޓްރޯލުން ނެއްޓިގެން ދިޔައީ އިގްތިސާދު ފުނޑުފުނޑުކޮށް ދައުލަތުގެ ފައިސާއިން އެތައް މިލިއަން ޑޮލަރެއް ގޮޓަބަޔާ ނެންގެވިކަމަށް ތުހުމަތުކޮށް އޭނާގެ ސަރުކާރުން ރައްޔިތުންނަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެއެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރީސާގެ އަސަރު އެގައުމު ރައްޔިތުންނަށް ވަރަށް ބޮޑަށް ކޮށްފައިވާއިރު ބައެއް މީހުންނަށް މިއަދު މަޖުބޫރުވެފައިވަނީ ބަނޑުފުރާނަ މުއްތި ކުރަން ހޭދަކުރާ ފައިސާކޮޅުވެސް ދާއިމީ ބޮޑެތި ބަލިތަކަށް ބޭނުން ކުރާ ބޭސްފަދަ އަގުބޮޑު އެއްޗެހި ގަތުމަށް ރައްކާކުރުމަށެވެ.

ކާނާއާއި ތެލާއި ގޭހާއި ބޭހުގެ އަގުތައް އިންތިހާއަށް މައްޗަށް އުފުލިފައިވާ ސްރީލަންކާއަށް ހަމަޖެހުމެއް ގެނައުމަށް ރައްޔިތުން އެދެނީ ގޮޓަބަޔާ އާއި ގުޅުންހުރި ހުރިހާ ފަރާތްތައް ސަރުކާރުން އެއްފަރާތްވެ ރައްޔިތުން އެދޭ ވެރިއަކު އިންތިހާބުކޮށްގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *