ނާޒީ ލީޑަރު އެޑޮލްފް ހިޓްލަރުގެ ގަޑިކަމަށް ބުނާ އަތުކުރި ގަޑިއެއް އެމެރިކާގައި ނީލަމެއްގައި 1.1 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލައިފިއެވެ.
ހިއުބާ ބްރޭންޑްގެ ރަންކުލައިގެ މި އަތުކުރި ގަޑި ބިޑްކޮށްގެން ގަތީ ކާކުކަމެއް ހާމައެއް ނުކުރެއެވެ. މި ގަޑިއަކީ ސްވާސްޓިކާގެ ރަމްޒު އަދި އިނގިރޭސި އަކުރުން އޭ.އެޗް އެންގްރޭވްކޮށް ކަނޑާނަގާފައިވާ ގަޑިއެކެވެ.
ތާރީހީ ނީލާމެއްގައި މި ގަޑި ވިއްކާލުމުން ޔަހޫދީ ލީޑަރުންވަނީ އެކަން ކުށްވެރިކޮށްފައެވެ. އެހެންނަމަވެސް ނީލަން އިންތިޒާމުކުރި ފަރާތުން ބުނީ ހިޓްލަރުގެ ގަޑި ވިއްކާލުންފަދަ އޭރުގެ ހަންދާންތައް ވިއްކުމަކީ ތާރީހީ ތަކެތި ރައްކާތެރިކުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ.
ބުނެވޭ ގޮތުގައި މި ގަޑިއަކީ ހިޓްލަރަށް ޖަރުމަނުގެ ޗާންސެލަރުކަން ލިބުނު، 1933 ވަނަ އަހަރު އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ލިބުނު އެއްޗެކެވެ.
ހިޓްލަރ ވަނީ 1933-1945 އަށް ޖަރުމަނުގެ ޗާންސެލަރުކަން ކުރައްވާފައެވެ. އެދުވަސްވަރު އޭނާ ހިންގި ގަތުލުއާންމުތަކުގައި 11 މިލިއަން މީހުން މަރާލާފައިވެއެވެ. އޭހެތެރެއިން 6 މިލިއަން މީހުން މަރާލީ އެމީހުންނަކީ ޔަހޫދީން ކަމަށްވުމުންނެވެ.
ބިޑް އިންތިޒާމްކުރި ފަރާތުން ބުނީ 1945 ވަނަ އަހަރުގެ މޭމަހު ފްރާންސްގެ ސިފައިން ހިޓްލަރުގެ މޮނިއުމަންޓަން އަރައިގަން ދުވަސްވަރު މި ގަޑި ސުވެނިއާއެއްގެ ގޮތުގައި ގެންދިޔަ ކަމަށެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ހިޓްލަރުގެ ގަޑީގެ އިތުރުން އޭނާގެ އަންހެނުން، އިވާ ބްރައުންގެ ހެދުމެއް ކަމަށްބުނާ ހެދުމެއްވެސް ނީލަމުގައި ވިއްކާލިއެވެ. އަދި ނާޒީ އޮފިޝަލުންގެ ވަނަވަރު ހިމެނޭ ފޮޓޯތަކާއި ރީންދޫކުލައިގެ ފޮތިން ހަދާފައިވާ ޖާމަނީ ބަހުން ޔަހޫދީންނަށް ކިޔާ ނަން 'ޖޫޑް' މިހެން ލިޔެފައިވާ ތަރިއެއްވެސް ވަނީ ނީލަމުގައި ވިއްކާލާފައެވެ.
ހިޓްލަރުގެ އަމުރަށް ހިންގި ލާއިންސާނީ ހަނގުރާމައިގައި ނާޒީ ސިފައިންވަނީ ޔަހޫދީއެއްކަން ރަމްޒުކޮށްދިނުމަށް އާމްބޭންޑެއް ނުވަތަ ބެޖެއް ގޮތަށް އެ ތަރި ހަރުކޮށް އުޅުމަށް ޔަހޫދީންނަށް މަޖުބޫރުކޮށްފައެވެ. އެކަން ކޮށްފައިވަނީ ޔަހޫދީން ވަކިކޮށްލުމަށް ކަމަށާއި އެމީހުންނަށް އެކިއެކި ފުރައްސާރަ ކުރުމަށް ކަމަށް ބުނެއެވެ.
ޔަހޫދީ ލީޑަރުންގެ ތެރެއިން 34 މީހުން ސޮއިކޮށްނެރެފައިވާ ލިއުމެންގައިވަނީ ނީލަންތަކުގައި ނާޒީ ހަންދާންތައް ނުވިއްކުމަށް ގޮވާލާ މިކަން ކުއްވެރިކޮށްފައެވެ.