އެފްރިކާ ސަރަހައްދުގެ އިތުރުން ފުރަތަމަ ފަހަރަށް މަންކީޕޮކްސް ޖެހިގެން މީހަކު މަރުވިކަމަށް ބްރެޒިލުން ރިޕޯޓްކޮށްފިއެވެ.
ބްރެޒިލްގެ ހެލްތް މިނިސްޓްރީން މިކަން ކަށަވަރު ކޮށްދީފައިވާއިރު އެގައުމުން މަންކީޕޮކްސް ޖެހިގެން މަރުވީ 41 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ކެންސަރު ބައްޔާއި ދިފާއީ ނިޒާމު ބަލިކަށި މީހެއް ކަމަށް ބްރެޒިލްގެ ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.
މަރުވި މީހާއަށް މަންކީޕޮކްސް ޖެހިގެން ބޮޑުވަރުވީ މި ސަބަބުތަކާއި ގުޅިގެން ކަމަށާއި އެމީހާއަކީ ބްރެޒިލްގެ އިރުދެކުނު ސަރަހައްދުގެ ބެލޯ ހޮރިޒޯންޓޭގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރި މީހެއް އެގައުމުން ބުނެއެވެ.
އޭނާ މަރުވީ އިންޓެންސިވް ކެއާ ޔުނިޓްގައި ފަރުވާ ދެމުންދަނިކޮށް ކުއްލިއަކަށް ލޭގެ ހިނގުން ދަށްވެގެން ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ބްރެޒިލްގައި 3 ކުޑަކުއްޖަކަށް މަންކީޕޮކްސް ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި، އޭގެތެރޭގައި 4 އަހަރުގެ ފިރިހެން ކުއްޖަކާއި 6 އަހަރުގެ ދެ އަންހެން ކުދިން ހިމެނޭކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
ބްރެޒިލުން އެންމެ ފުރަތަމަ މަންކީޕޮކްސްގެ ކޭހެއް ރިޕޯޓް ކޮށްފައިވަނީ މީގެ 3 ހަފްތާ ކުރިންނެވެ. އެގައުމުން މިހާތަނަށް މަންކީޕޮކްސްގެ 700 އަށް ވުރެ ގިނަ ކޭސް ފެނިފައިވެއެވެ.
އެފްރިކާގެ ގައުމުތަކުގެ އިތުރުން މަންކީޕޮކްސްގެ ފުރަތަމަ މަރު ބްރެޒިލުން ރިޕޯޓްކުރީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން މަންކީޕޮކްސް އައުޓްބްރޭކަކީ ބައިނަލްއަޤްވާމީ ކަންބޮޑުވުމެއް ކަމަށް ކަނޑައަޅާ ހެލްތް އިމަޖެންސީ އިއުލާނު ކުރިތާ ހަފްތާއެއްވެސް ނުވަނީހެވެ.
ޑަބްލިއުއެޗްއޯއިން ބުނާގޮތުގައި މަންކީ ޕޮކްސް ޖެހިގެން މިހާތަނަށް މަރުވީ 5 މީހުނެވެ. މި އެންމެންނަކީވެސް އެފްރިކާ ސަރަހައްދުން މަރުވި މީހުންނެވެ. ބްރެޒިލްގެ މަރާއި އެކު މި އަދަދު މިވަނީ 6 އަކަށް އަރާފައެވެ.
އެމެރިކަން ކޮންޓިނެންޓްގައި މަންކީޕޮކްސްގެ ކޭސްތައް އެންމެ ގިނައީ ބްރެޒިލް، ކެނެޑާ އަދި އެމެރިކާގައެވެ. މި ގައުމުތަކުން 5000 އަށްވުރެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވާކަމަށް ހަބަރު ލިބެއެވެ.
މިހާތަނަށް 75 ގައުމަކުން މަންކީޕޮކްސްގެ 19000 ކޭސް ރިޕޯޓްކޮށްފައިވާއިރު، އެންމެ ގިނައިން މިބަލި ޖެހިގެން ރިޕޯޓްކޮށްފައިވަނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުން ކަމަށް ރިޕޯޓްތައް ބުނެއެވެ.