ކުޅިވަރުގެ ދާއިރާގައި ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކަށް ކޮމަންވެލްތުން ތައުރީފުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު ކުރިޔަށްދިޔަ 10 ވަނަ ކޮމަންވެލްތު ސްޕޯޓްސް މިނިސްޓަރުންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ މަހްލޫފު ޓްވިޓަރގައި ވިދާޅުވެފައިވަނީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހޯދަމުންދާ ކާމިޔާބީތަކަށް ކޮމަންވެލްތުގެ ސްޕޯޓްސް މިނިސްޓަރުންނާއި ސެކެއްޓްރީ ޖެނެރަލް، ޕެޓްރީސިއާ ތައުރީފު ކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭއިން ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީ އެކުލަވާލާފައިވާ ގޮތާއި ކުޅިވަރުގައި އޮންނަ ޖިންސުގެ ތަފާތު ކުރުން ނައްތާލާފައިވާތީ ކޮމަންވެލްތުން މަރުހަބާ ކިޔާފައިވާ ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިޔަށްދާ ކޮމަންވެލްތްގައި ކުރިޔަށްދިޔަ ބައްދަލުވުމުގައި މިނިސްޓަރު މަހްލޫފު ބައިވެވަޑިގެންނެވިއިރު ކޮމަންވެލްތް ގޭމްސްގައި ވާދަކުރާ ބައިވެރިން މިވަގުތު ތިބީ އިނގިރޭސިވިލާތުގައެވެ.
މިއީ ކޮމަންވެލުތުން ރައިސް ޔާމީންގެ ދައުރުގައި ރާއްޖެ ވަކިވުމަށްފަހު މިސަރުކާރުން ކޮމަންވެލްތާއި އަލުން ގުޅުނުފަހުން ރާއްޖެއިން ކޮމަންވެލްތް ގޭމްސްގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ. ރާއްޖެއަށް ކޮމަންވެލްތް ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނުކަން އިއުލާނު ކުރީ 2020 ވަނަ އަހަރެވެ.