ޗައިނާގެ ވޫހާން ސިޓީން މިހަފްތާގައި ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މިލިއަނެއްހާ މީހުންނަށް ލޮކްޑައުންގައި ތިބެން އަންގައިފިއެވެ.
ޖިއަންޒިއާ ޑިސްޓްރިކްޓުން ހަތަރު މީހަކަށް ކޮވިޑް ޖެހުމާއި ގުޅިގެން އެ ސަރަހައްދުގެ ރައްޔިތުންނަށް އަންގާފައިވަނީ ތިން ދުވަހު ގޭގައި މަޑުކުރުމެވެ. ޗައިނާއަކީ 'ޒީރޯ ކޮވިޑް' ސްޓްރެޓެޖީ އަށް އަމަލުކުރާ ގައުމެކެވެ.
މިހާރުވެސް އެގައުމުގައި ގިނައަދަދެއްގެ ބަޔަކު ޓެސްޓުކުރުމާއި ބައްޔަށް ޝައްކު ކުރެވޭ މީހުން އެކަހެރި ކުރުމާއި، ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތައް އަޅައެވެ.
މިކަމުގެ ސަބަބުން އެހެން ގައުމުތަކުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަށްވުރެ ޗައިނާއިން މަރުވި މީހުންގެ އަދަދު މަދެވެ.
ޗައިނާގެ "ޒީރޯ ކޮވިޑް" ސްޓްރެޓެޖީގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވަމުންދާތީ އެކަމާ ދެކޮޅު މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
12 މިލިއަން މީހުން ދިރިއުޅޭ ވޫހާންގައި އާދައިގެ މަތިން އާންމް ޓެސްޓުކުރަމުންދަނިކޮށް މީގެ ދެ ދުވަސް ކުރިން ވަނީ ކޮވިޑްގެ ދެ ކޭސް ފެނިފައެވެ.
ވޫހާން އަކީ 2020 ވަނަ އަހަރުގެ ކުރީކޮޅު ކޮވިޑް -19ގެ ފުރަތަމަ ކޭސް ރިޕޯޓް ކުރި ސިޓީއެވެ. އަދި ކޮވިޑާއި ދެކޮޅަށް ފުރަތަމަ ފިޔަވަޅުތައް އަޅަން ފެށީވެސް ވޫހާންގައެވެ.
އެހެން ގައުމުތަކުން ވައިރަސްއާއި އެކު އުޅެން ނިންމާފައިވީނަމަވެސް ޗައިނާގެ 'ޒީރޯ ކޮވިޑް' ސްޓްރެޓެޖީ އާއި ގުޅިގެން އަވަސް އަވަހަށް ލޮކްޑައުން ކުރެއެވެ.
ޗައިނާގެ ވިޔަފާރީގެ މައި ރަށް ޝަންހާއީ ދެ މަސް ދުވަހަށް ލޮކްޑައުންކޮށްފައި އޮތުމަށްފަހު ފިޔަވަޅުތައް އުވާލީ މިދިޔަ މަހުއެވެ. 25 މިލިއަނެއްހާ މީހުން ދިރިއުޅޭ ޝަންހާއީގެ ރައްޔިތުން އަންނަނީ 'ނިއު ނޯމަލް' އަށް އަހުލުވެރިވަމުންނެވެ. އެހެންނަމަވެސް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޓެސްޓް ކުރުން ގާތްގާތުގައި ކުރިޔަށް ގެންދެއެވެ.
ޗައިނާގައި އަދިވެސް ބައެއް ވިޔަފާރިތައް ބަންދުކޮށްފައިވާއިރު މަސައްކަތް ފަށާފައިވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބައެއް ކުންފުނިތަކުން އަންގާފަވަނީ މަސައްކަތް ކުރާ އޮފީސްތަކުގައި ދިރިއުޅުމަށެވެ. މިއީ ގެއާއި ވަޒީފާގެ މާހައުލުން ދިމާވާ މީހުންގެ އަދަދު މަދު ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.