ކޮވިޑަށްފަހު ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމަށާއި މި އަހަރު 8.7 އިންސައްތައިގެ އިގްތިސާދީ ކުރިއެރުން ލިބޭނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަންދާޒާކޮށްފިއެވެ.
އިގްތިސާދު ރަނގަޅުވެފައިވަނީ ކޮވިޑަށްފަހު ފަތުރުވެރިކަން އަލުން ކުރިއެރުމަށް އިދާރާތަކުން އެޅުއްވި ފިޔަވަޅުތަކާއި ރާއްޖޭގައި ކޮވިޑް ވެކްސިން ފޯރުކޮށްދިނުން އަވަސްވުމުގެ ސަބަބުން ކަމަށް އައިއެމްއެފްއިން ފާހަގަ ކުރެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ރަޝިޔާގެ ފަތުރުވެރިން ރާއްޖެއައުން މަދުވި ނަމަވެސް ޔޫރަޕުން އަންނަ ފަތުރުވެރިން އިތުރު ވެފައިވާކަމަށް ރިއާޔަތްކޮށް އައިއެމްއެފުން ބުނީ މިއަހަރު ރާއްޖޭގެ އިގްތިސާދު 8.7 އިންސައަށް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އައިއެމްއެފްގެ 5 މެންބަރުންގެ ވަފްދަކުން ޖޫން 21-29 އަށް ރާއްޖެއަށް ކުރި ޒިޔާރަތް ނިންމަވާލެއްވުމަށްފަހު އާންމުކުރި ރިޕޯޓްގައި ބުނެފައިވަނީ ކެޕިޓަލް ހަރަދުތައް ބޮޑުވުމާއި ސަބްސިޑީތައް އިތުރުވުމާއި ސަރުކާރުން ދައްކަންޖެހޭ އިންޓަރެސްޓް ރޭޓްތައް އިތުރުވަމުންދާތީ ރާއްޖޭގެ މާލީ ހާލަތާއި އެކްސްޓަރނަލް ސެކްޓަރގެ ވަލްނަރަބިލިޓީސްގެ ސަބަބުން ރިޒާވް އާއި ބެލެންސް އޮފް ޕޭމަންޓް އާއި ގުޅޭ ރިސްކް ވަރަށް ބޮޑު ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނަ މި ދަނޑިވަޅަކީ ދައުލަތުގެ މާލީ ހާލަތާއި ދަރަނީގެ ކަންކަން ހަމަޖެއްސުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅެމަށް ހުޅުވިފައި އޮތް ދޮރެއްކަމަށް އައިއެމްއެފްއިން ބުނެއެވެ.
ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމާއި ގުޅިގެން އައިއެމްއެފުން އިރުޝާދު ދީފައިވަނީ ސަބްސިޑީގެ އުސޫލު އިސްލާހުކުރުމަށެވެ. ރާއްޖޭގައި އެންމެ ބޮޑަށް ސަބްސިޑީއަށް ހޭދަ ކުރަނީ ދިވެހިންގެ ހިލޭ ބޭސްފަރުވާގެ ނިޒާމް، އާސަންދަ އާއި ތެލަށްދޭ ސަބްސިޑީއަށެވެ..
އަދި ޓެކްސްގެ ތެރެއިން ޓީޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމާއި 2023 ވަނަ އަހަރުންފެށިގެން ސަބްސިޑީގެ އުސޫލަށް ބަދަލު ގެނެސް ތަންފީޒު ކުރުމަށް ނިންމާފައިވާ ބަދަލުތަކަށް އައިއެމްއެފުން މަރުހަބާ ކިޔާކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
އައިއެމްއެފްއިން ބުނީ ރާއްޖޭގެ އާމްދަނީ ދަށްވެފައިވާ ސަބަބުތަކުގެ ތެރެއިން ދުނިޔޭގެ ބާޒާރުން ފައިނޭންސް ހޯދުމަށް ދަތިވެ ފައިނޭސްގެ އަގު ބޮޑުވުން އެއީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ.
ސަރުކާރުން މާލީ ސިޔާސަތު ހަރުދަނާ ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ރަނގަޅުކަމަށް ޖުމްލަ ގޮތެއްގައި އައިއެފްއެފްއިން ފާހަގަކޮށް އެކަންކަމަށް މަރުހަބާކިޔާފައިވެއެވެ. އަދި ސަރުކާރުގެ ހަރަދުތައް ކުޑަކޮށް ބައެއް ބިޔަ މަޝްރޫއުތައް މިވަގުތަށް މަޑު ޖައްސާލުމަށް އައިއެމްއެފްއިން ވަނީ ލަފާދީފައެވެ.