ރ. ދުވާފަރު - ފޮޓޯ: ކައުންސިލް

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލުން 2022 ވަނަ އަހަރުގެ ފިޠުރު އަދި 2021 ވަނަ އަހަރުގެ މުދަލު ޒަކާތްވެސް އޭގެ ޙައްޤުވެރިންނަށް ބެހުމަށްފަހު އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓު އިސްލާމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

މި ލިޔެކިޔުންތައް ލިބިފައިވޭތޯ ޖަޒީރާއެމްވީއިން ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓްރީން އަންގާފައިވާ ތާރީޚަށް ދުވާފަރު ކައިންސިލުން ޒަކާތް ބެހިގޮތުގެ ލިޔުންތައް ފޮނުވާފައިވާކަމާއި އަދި މި ލިޔުންތަކަކީ ޒަކާތުގެ ޙައްޤުވެރިންނަށް ލިބެންޖެހޭ މިންވަރު ލިބުނުކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށެވެ.

ޒަކާތު ފައިސާއަށް ދުވާފަރު ކައުންސިލުން ހިޔާނާތްތެރިވެފައިވާކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ ލޯކަލް ގަވްމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކޮށްފައިވާ މޮނިޓަރިން ރިޕޯޓަށް ރިއާޔަތްކޮށެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ، ޒަކާތުގެ ފައިސާއާ މެދު ޢާންމުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށާއި، ޢާންމު ރައްޔިތުން މިނިސްޓްރީއަށް ކުރާ އިތުބާރު ގެއްލޭފަދަ މޭރުމުން ޚަބަރު ފަތުރާ ފަރާތްތަކުން އެކަން ނުކުރުމަށް ނަސޭހަތްތެރިވާކަމަށެވެ.

އަދި ކަމާގުޅުންހުރި އިދާރާތަކުން މަޢުލޫމާތު ކަށަވަރުކުރެއްވުމަށްފަހު ނުނީ މިފަދަ ޚަބަރުތައް ޢާންމުނުކުރެއްވުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އަދި ޒަކާތް ނެގުމާއި ބެހުމުގެ މަސައްކަތްތައް ކުރިއަށްގެންދަންޖެހޭނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްކަމަށް ހުރިހާ ކައުންސިލްތަކުގައި މި މިނިސްޓްރީންވާނީ ދަންނަވާފައެވެ.

އަދި މި މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް 2022 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ، އެފަރާތްތަކުގެ އެކައުންޓަށް މި މިިނިސްޓްރީން ފައިސާ ޖަމާކުރާ ގޮތަށެވެ.

ކައުންސިލްތައް މެދުވެރިކޮށް ކޮންމެ އަހަރަކު ޒަކާތް ބެހުމަށްފަހު އެ ފައިސާ ބެހިގޮތުގެ ރިޕޯޓްތައް ކައުންސިލްތަކުން ހޯދުމަކީ، އިސްލާމިކް މިނިސްޓްރީން ޚާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަކަމެއްކަމަށް އެމިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *