އިންޑިއާގެ 15 ވަނަ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި އާ ރައީސް ދްރޫޕަދީ މުރުމޫ މިއަދު ރައީސް ކަމުގެ ހުވާކުރައްވައިފިއެވެ.
64 އަހަރުގެ މުރުމޫއަށް ހުވާލައިދެއްވީ އިންޑިއާގެ އިންޑިއާގެ ޗީފް ޖަސްޓިސް އެންވީ ރާމަނާ އެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ވަޒީރުންނާއި ގާނޫނޫ ހަދާ މަޖިލީހުގެ މެންބަރުން ބައިވެރިވަޑައިގެންނެވެ.
އޮރިއްސާ ސްޓޭޓަށް ނިސްބަތްވާ މަރުމޫއަކީ ކުރިން ޓީޗަރެކެވެ. ސަންތަލް ޓްރައިބަށް ނިސްބަތްވާ މުރުމޫއަކީ ޖާކާންދް ސްޓޭޓްގެ ކުރީގެ ގަވަރުނަރެވެ. އަދި އިންޑިއާގައި މިހާތަނަށް ރައީސްކަން ކުރައްވާ 2 ވަނަ އަންހެން ރައީސްއެވެ.
އިދިކޮޅު ކެންޑިޑޭޓް ޔަސްވަތް ސިންހާއާއި ވާދަކުރައްވާ އިންޑިއާގެ ރައީސްކަން ކާމިޔާބު ކުރެއްވި މަރުމޫއަކީ އިންޑިއާގައި ރައީސްކަމަށް އިންތިހާބުވި ފުރަތަމަ ޓްރައިބް ލީޑަރެކެވެ. ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ މަރުމޫ ހުވާކުރެއްވުމަށްފަހު ވިދާޅުވީ ރައީސްކަމުގެ މަޤާމު ލިބުމަކީ އޭނާއަށް އެކަނި ލިބުނު ކާމިޔާބީއެއް ނޫން ކަމަށް މިއީ މި ލެވެލްއަށް އައުމަށް އުންމީދު ކުރާ އިންޑިއާގެ ހުރިހާ އެންމެންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
އިންޑިއާގައި ރައީސް އަކީ ސަރުކާރުގެ އެންމެ އިސްވެރިޔާއެވެ. އެހެންނަމަވެސް މާ ގިނަ ބާރުތަކެއް ރައީސަށް ލިބިވަޑައެއް ނުގަންނަވާނެއެވެ. ސަރުކާރު ހިންގުމުގެ ބޮޑަތި ބާރުތަކާއި ކަންކަން ނިންމެވުމުގެ ބާރުތައް އޮންނަނީ ބޮޑުވަޒީރުގެ އަތްމަތީގައެވެ.
މުރުމޫއާއި ވާދަކުރެއްވި ސިންހާ އަކީ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު 1990 ގައި އަދި 2000ގެ ކުރީ ކޮޅު ބީޖޭޕީ ސަރުކާރުގެ ސީނިއަރ މިނިސްޓަރެކެވެ. އެހެންނަމަވެސް މިހާރު އޭނާއަކީ ބީޖޭޕީއާއި މޯދީއަށް ފާޑުކިޔާ އެޕާޓީއާއިވެސް އިދިކޮޅު ބޭފުޅެކެވެ.
މުރުމޫ އިންޑިއާގެ އާ ރައީސްކަމާ ހަވާލުވެވަޑައިގަންނަވަނީ ކުރީގެ ރައީސް ރާމް ނާތް ކޯވިންދްގެ ދައުރު ޖުލައި 24 އަށް ހަމަވުމާއި ގުޅިގެންނެވެ.