އަސްކަރީ ވެރިކަމެއް އޮންނަ މިޔަންމާ ސަރުކާރުން ބަޣާވާތާއި އިދިކޮޅު 4 އެކްޓިވިސްޓަކަށް މަރުގެ އަބަދު ދިނުމާއި ގުޅިގެން އެގައުމުގެ އާންމުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
މި ހަތަރު އެކްޓިވިސްޓުން މަރާލާފައިވަނީ އެގައުމުގައި ލާއިންސާ ބޮޑެތި ޓެރިޒަމްގެ އަމަލުތަކެއް ރޭވުމުގައި އެމީހުން ބައިވިރިކަމަށް ކަނޑައަޅާ ދިން އަދަބު ތަންފީޒު ކުރުމުގެ ގޮތުން ކަމަށް މިޔަންމާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.
މިއަންމާއިން ހަބަރު ލިބޭ ގޮތުގައި މި ހަތަރު މީހުންގެ މައްޗަށް މަރުގެ އަބަދު ދިނުމަށް ހުކުމް ކޮށްފައިވަނީ ބަންދުކޮށްގެން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ޖެނުއަރީ 2022 ގައެވެ. މި ހަތަރު މީހުންނަކީ ފެބުރުއަރީ 2021 ބަޣާވާތުގައި ހަގުރާމަވެރިންނަށް ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީވެދިން ބައެއް ކަމަށް ތުހުމަތުކޮށް އަދަބު ކަނޑައެޅުނު ބައެކެވެ.
މި ހަތަރު އެކްޓިވިސްޓުންނަކީ މިޔަންމާގެ ކުރީގެ ލީޑަރު އަންސަން ސޫ ކީގެ ގާތް ބައެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މަރާލި ހަތަރު އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ އަންސަން ސޫ ކީގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރެސީ ޕާޓީގެ ކުރީގެ ޤާނޫނު ހަދާ މެންބަރެއް ކަމަށްވާ ފިއޮ ޒެޔާ ތައޮ އާއި ޑިމޮކްރެސީ އެކްޓިވިސްޓެއް ކަމަށްވާ ކިޔޯމިން ޔޫގެ މައްޗަށް ދައުވާކޮށްފައިވަނީ އެންޓި ޓެރަރިޒަމް ޤާނޫނުގެ ދަށުން ނެވެ.
ތައުގެ މައްޗަށް ދައުވާކުރީ ސިފައިންނާ ފުލުހުންނަށް ހަމަލާދިނުމުގައި އިސްދައުރެއް އަދާކުރިކަމަށުގެ ތުހުމަތުގައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ޔަންގޮންގައި ޓްރެއިންއަކަށް ހަމަލާދީ، އެ ހަމަލާގައި 5 ފުލުހުން މަރުވި މައްސަލައާއި ގުޅިގެންނެވެ. އޭނާއަކީ މީގެ ކުރިންވެސް އޭނާ ހެދި ލަވައެއްގެ ލިރިކްސް އާއި ގުޅިގެން ހައްޔަރުކުރި މީހެކެވެ.
އަނެއް ދެމީހުން މަރާލާފައިވަނީ މިޔަންމާގެ އަސްކަރީ ސަރުކާރަށް ޖާސޫސުކޮށްދީ މައުލޫމާތުދޭ ކަމަށް ތުހުމަތުކުރެވޭ އަންހެނަކު މަރާލި މައްސަލައަކާއި ގުޅިގެންނެވެ.
މި ހަތަރު މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރި އިރު މިއީ މި ގަރުނުގައިވެސް މިޔަންމާގައި މަރުގެ އަދަބު ތަންފީޒު ކުރި ފުރަތަމަ ފަހަރެވެ. އެންމެފަހުން މިޔަންމާގައި މަރުގެ އަދަބު ދީފައިވަނީ 1980 ގައެވެ.
މި ހަތަރު މީހުންނަށް މަރުގެ އަދަބު ދިނުމާއި ގުޅިގެން 'ޖަސްޓިސް ފޯ މިޔަންމާ' ގެ ތަރުޖަމާނު ޔަދަނަރ މައުންގ ވިދާޅުވީ މަރުގެ އަދަބު ދިނުމަކީ އިންސަނިއްޔަތާ ދެކޮޅު ކުށެއް ކަމަށާއި މި ކަމާއި ގުޅިގެން މިޔަންމާގެ މިހާރު ވެރިކަން ކުރާ ސްޓޭޓް އެޑްމިނިސްޓްރޭޝަން ކައުންސިލަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުަމަށް ގޮވާލާ ކަމަށެވެ.