ބޭންކް އޮފް މޯލްޑިވްސް އަހަރީ އާންމު ޖަލްސާގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

މި އަހަރުގެ ދެވަނަ ކުއާޓަރގައިބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހިންގުމުގެ ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި ރަނގަޅުވަމުން އަންނަ އެސެޓް ކުއަލިޓީއާއެކު ދެވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 592 މިލިއަން ރުފިޔާ ލިބިފައިވާއިރު  މިއީ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ އާ އަޅާބަލާއިރު %19 އިތުރު އަދަދެއް ކަމަށް އެބޭންކުން ބުނެއެވެ.

މި ނަތީޖާ އާ ގުޅޭ ގޮތުން ބޭންކުގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއެކު، ބޭންކުގެ ކުރިމަގާމެދު އުންމީދު ބޮޑު ކަމަށެވެ.

"ބޭންކު މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެފަދަ ރަނގަޅު ހާލަތެއްގައި. ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިންގ ހިދުމަތްތައް ފުޅާކުރުމާއި ހިންގުން ހަރުދަނާ ކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން" އާއިޝަތު ވިދާޅުވިއެވެ.

ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައި ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

މި ކުއާޓަރގައި ބޭންކުން ތައާރަފްކުރި ހިދުމަތްތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް ބީއެމްއެލް ޕޭ ގެ ހިދުމަތް ހިމެނޭކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ މި ހިދުމަތާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އަދި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފަރ ގެ ހިދުމަތް މޯބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

ބޭންކުގެ ޑިޖިޓަލް ސްޓްރެޓެޖީ އިތުރަށް ފުޅާކުރުމަށް އަލަށް ތައާރަފް ކުރަން ނިންމާފައިވާ ހިދުމަތަކީ   މާސްޓަރކާޑު އަދި އެމްޓީސީސީ އާ ގުޅިގެން ރާއްޖޭގައި ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަށް ފުރަތަމަ ފަހަރަށް އޯޕަން ލޫޕް ޓްރާންސިޓް ކާޑުގެ ހިދުމަތް ތައާރަފް ކުރުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ އަކީ 20 އަތޮޅުގައި 35 ބްރާންޗް ގާއިމްކޮސް ދިވެހިންނަށް ހިދުމަތް ދެމުން އަންނަ  ކުންފުންޏެކެވެ. އެ ކުންފުނީގެ 81 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބެއެވެ.

ބީއެމްއެލްގެ އަމާޒަކީ އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު  އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *