ސިންގަޕޫރުގައި ހުންނެވި ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ހައްޔުކުރެވޭނެ ގޮތެއް ހޯދުމަށް އެދި ހައްގުތައް ހޯދުމަށް މަސައްކަތް ކުރާ ގުރޫޕަކުން ސިންގަޕޫރުގެ އެޓާނީޖެނެރަލް އަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އިންޓަނޭޝަނަލް ޓުރުތް އެންޑް ޖަސްޓިސް ޕްރޮޖެކްޓް (އައިޓީޖޭޕީ) ގެ ނަމުގައި ހަރަކާތްތެރިވާ މި ގުރޫޕުން ސިންގަޕޫރުގެ އެޓާނީޖެނެރަލް އަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ 25 އަހަރަށް ދެމިގެންދިޔަ ލަންކާގެ ދާހިލީ ހަނގުރާމައިގައި އދ ގެ މުއާހަދާތަކާއި ހިލާފަށް ގޮތަބަޔާ އަމަލުކޮށްފައިވާކަމަށާއި، އެ ހަނގުރާމައިގައި އޭނާގެ ރޯލު އޮތުމުން އޭނާ ހައްޔަރުކުރުމަށް އެދޭ ކަމަށެވެ.
ގޮތަބަޔާއަކީ ލަންކާގައި ހިންގި ލާއިންސާ ހަނގުރާމައިގެ ދުވަސްވަރު އެގައުމުގެ ޗީފް ޑިފެންސް އޮފިޝަލްގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. ސްރީލަންކާގައި ތަމަޅައިންނާއި ސަރުކާރާ ދެމެދު ހިނގި ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައީ 2009 ވަނަ އަހަރު ތަމަޅަ ޓައިގަރުންގެ ވެރިޔާ ޕްރަބާކަރަން މަރާލުމަށް ފަހުއެވެ. އައިޓީޖޭޕީ އިން ވަނީ ސަރުކާރާއި ތަމަޅަ ހަނގުރާމަވެރިންވެސް އިންސާނިއްޔަތާއި ހިލާފު އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ދެކުނު އެފްރިކާގައި ގާއިމްވެފައި އޮތް މި ރައިޓްސް ގުރޫޕް (އައިޓީޖޭޕީ) އިން ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ގޮތަބަޔާއާއި ދެކޮޅަށް ހެކި އެބަހުރިކަމަށެވެ.
ގޮތަބަޔާގެ ސަރުކާރާއި މެދު އާންމުންގެ ނުރުހުން ބޮޑުވެ އެގައުމުގެ ރައްޔިތުންގެ އުތުރިއެރުންތައް ސަރުކާރަށް ކޮންޓްރޯލް ނުކުރެވުމުން ގޮތަބަޔާ ވަނީ ފިއްލަވައިގެން ގައުމު ދޫކުރައްވާ ރާއްޖެއަށް ވަޑައިގެން ރާއްޖޭ މަގުން ސިންގަޕޫރަށް ވަޑައިގަންނަވާފައެވެ. ސިންގަޕޫރުގައި ހުންނަވައިގެ އޭނާ ރައީސްކަމުން އިސްތިއުފާދެއްވިކަމުގެ ސިޓީ ފޮނުއްވީ އެގައުމަށް ވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ.
ގޮތަބަޔާ ފިއްލަވައިގެން ގައުމުން ބޭރަށް ވަޑައިގެންނެވީ ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގެކޮޅަށް ސަރުކާރާއި އިދިކޮޅަށް މުޒާހަރާކުރަމުން ދިޔަ އެތައްހާސް ބަޔަކު ވަދެ އެތަންތަނުގެ ކޮންޓްރޯލް ސިފައިންނާއި ފުލުހުންނަށްވެސް ގެއްލުމުންނެވެ. އައިޓީޖޭޕީއިން ސިންގަޕޫރުގެ އެޓާނީ ޖެނެރަލްއަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ ތަމަޅައިންނާ ލަންކާ ސަރުކާރާ ދެމެދު ހިނގި ހަނގުރާމައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ގޮތަބަޔާ ބައިވެރިވެފައިވާތީ އެކަން ތަހްގީގުކޮށް ގޮތަބަޔާއަށް އަދަބު ދިނުމަށެވެ.
މީގެ ކުރިންވެސް ގޮތަބަޔާއާއި ދެކޮޅަށް ދެ މައްސަލައެއް ކޯޓަށް ހުށަހެޅުނެވެ. އެހެންނަމަވެސް އޭނާ ލަންކާގެ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވިފަހުން އެ ދެމައްސަލަވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ލަންކާ ހަނގުރާމައިގައި ހިންގި ކަމަށް ބުނާ ލާއިންސާނީ އަމަލުތަކުގެ ޒިންމާ އޭނާ ނަންގަވަން ނުޖެހޭކަމަށް ވިދާޅުވެފައިވެ ގޮތަބަޔާ ވަނީ އޭނާއާއި ދެކޮޅަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައެވެ.