ފޮޓޯ: ޑަބްލިއުއެޗްއޯ

ދުނިޔޭގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖޭއަށް މިބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް 19 ފަދަ ބައްޔަކާ އަޅާބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ގައިގޯޅިކޮށް އެކުގައި އުޅޭމީހުންގެ މެދުގައި ކަމަށްވުމުން  މި ބަލި ފެތުރޭ މިންވަރު ތަފާތުވާނެ ކަމަށެވެ.

މި ބަލިމަޑުކަމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުމާއި ޓެސްޓް ކުރެވޭނެ ގޮތް ގާއިމު ކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން ސަވައިލެންސް ހަރުދަނާ ކުރުމާއި ބަލިޖެހޭ މީހުންނަށް ފަރުވާކުރުމާއި ގުޅޭ ގައިޑްލައިންތައް ކަނޑައެޅުމުގެ މަސައްކަތާއި ބޭހާއި ވެކްސިން ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމށް އެޗްޕީއޭއިން ބުނެއެވެ.

މަންކީ ޕޮކްސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި، ބަލި ކަށަވަރު ކުރެވެންދެން އެހެންމީހުންނާ ގައިގޯޅިވުމުން ދުރުވެ އެކަހެރިވުމަކީ މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހާއްސަ ގޮތެއްގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މަންކީޕޮކްސްގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ގައިގައި ރިއްސުން، ވަރުބަލިވުން އަދި ގޮއްލުން ހިމެނެއެވެ. އަދި ގިނައިން ފެންނަ އަލާމާތަކީ ކުރިމަތި ފަރާތާއި ފުރަގަސްފަރާތުގައި ބިހިނެގުން އަދި އަނގައިގެ ވަށައިގެން ބިހިނެގުމެވެ. ބިހިތައް ފުރަތަމަ ނަގާއިރު ހުންނާނީ ފަތިކޮށް ކަމަށާއި އެއަށްފަހު ފެންފޮޅަށްވެ ފަޅައިގެންގޮސް ކުރަލައެވެ. ހުން އައުންފަދަ އަލާމާތްތަކުން ފެށިގެން ގޮސް ބިހިނަގާ ކުރަލާ އަދި ކުރައިގެ ދަށުން އާ ހަން އުފެދި ކުރަ ވެއްޓެންދެން ބަލިޖެހިފައިވާ މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނަ ކަމަށް އެޗްޕީއޭއިން ފާހަގަ ކުރެއެވެ.

ރާއްޖޭގެ މުޖުތަމައުގައި މަންކީޕޮކްސް ފެތުރުމުގެ ފުރުސަތު ކުޑަކަމުގައިވީ ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށް ހުރިހާ ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ގިނައިން އަތްދޮވުމާއި މީހުންގެ ތެރޭގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމާއި އަދި ވައި ބަންދުވެފައިވާ ތަންތަނުގެ ތެރޭގައި އުޅޭއިރު މާސްކް އެޅުމަށްވެސް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އެދެއެވެ.

ގިނައިން މީހުން އެއްވާތަންތަނަށް ނުދިއުން ފަދަ ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

މަންކީޕޮކްސް އައުޓް ބްރޭކަކީ ކަންބޮޑުވާ މިންވަރުން ފެތުރެމުން އަންނަ  އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް ކަމުގައި  މިދިޔަ ހޮނިހިރު ދުވަހު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ( ޑަބްލިއު އެޗްއޯ) އިން ވަނީ ކަނޑައަޅާފައެވެ.

މިހާތަނަށް 75 ގައުމަކުން މިބަލި ފެނިފައިވާއިރު 14،000 މީހުންނަށް މި ބަލި ޖެހި 5 މީހުން މި ބަލީގައި މަރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

0
0
0
0
0