ފޮޓޯ: ސަން އޮންލައިން

ދުވާފަރު ކައުންސިލުން ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިރާސާ ކުރަން ފަށައިފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ޖަޒީރާއަށް ވިދާޅުވީ ދުވާފަރު ކައުންސިލްގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ 21 ޖުލައިގައި ކަމަށެވެ. "މިހާރު ދިރާސާކުރަމުން ދަނީ. އަދި ތަހްގީގު ކުރުމާއި ނުކުރުމަށް ވަކި ގޮތެއް ނުނިންމަން" ހަސަން ވިދާޅުވިއެވެ.

އޭސީސީއަށް މި މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް އޭސީސީއަކުން ހާމައެއް ނުކުރެއެވެ. ކައުންސިލްތަކުގެ ކަންކަން މޮނިޓަރ ކުރާ ލޯގަލްގަވްމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނެރުނު ރިޕޯޓެއްގައިވަނީ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައެއް މެންބަރުން އަދި ކައުންސިލްގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލުގެ ފައިސާ ލިޔެކިއުމެއް ނެތި ޖަމާކޮށްފައިވާކަން ހާމަކޮށްފައެވެ.

އަދި ނަގުދު ފައިސާއިންވެސް ހުއްދަނެތި ލިޔެކިއުމަކާއި ނުލާ ބޮޑެތި އަދަދުތަކުން ބައެއް ކައުންސިލަރުންނަށް  ބަހާފައިވާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

ދުވާފަރު ކައުންސިލުން ބުނީ އެލްޖީއޭގެ ރިޕޯޓަކީ ޒިންމާދާރުކަން ކުޑަ ގޮތަކަށް އާންމު ކުރި ރިޕޯޓެއް ކަމަށެވެ. އެލްޖީއޭގެ ހޯދުންތަކަށް ޖަވާބުދާރީވުމަށް ކައުންސިލަށް އެކަށީގެންވާ ފުރުސަތުވެސް ދީފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެ ރިޕޯޓްގައި ހުރި  ހުރިހާ ކަމެއް ކައުންސިލުން ދޮގުކޮށްފައެއް ނުވެއެވެ.

ޕީޕީއެމްގެ ފަސް މެންބަރުންނާ އެމްޑީޕީގެ ދެ މެންބަރު ހިމެނޭ މި ކައުންސިލުން ހިޔާނާތްތެރިވެފައިވާ ފައިސާގެ ތެރޭގައި މުދަލު ޒަކާތާއި ފިތުރު ޒަކާތުގެ ގޮތުން ކައުންސިލުން ބަހަންޖެހޭ ފައިސާވެސް ހިމެނެއެވެ.

އޭގެ ހައްގުވެރިންނަށް އެފައިސާ ދިން ކަމުގެ ލިޔެކިއުމެއް ނެތްކަމަށް އެލްޖީއޭއިން ބުނާއިރު، މުދަލު ޒަކާތުގެ ގޮތުގައި ހައްގުވެރިންނަށް ދޭން ޖެހޭ 318،600 (ތިން ލައްކަ އަށާރަހާސް ހަސަތޭކަ) ރުފިޔާ ޖަމާކޮށްފައިވަނީ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށެވެ.

އެލްޖީއޭގެ މޮނިޓަރިން ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ކައުންސިލަރުންގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި ފަރުވާ ކުޑަކޮށްފައިވާ ކަމަށާއި، ލިޔެ ކިއުންތައް ބެހެލެއްޓުމުގައި ފަރުވާކުޑަކޮށް މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާއި ލާމަރުކަޒީ ގާނޫނާއި ވެސް ދުވާފަރު ކައުންސިލުން ހިލާފުވެފައިވާކަމަށް އެ އިދާރާއިން ވަނީ ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ހުއްދައެއް އަދި ލިޔެކިއުމެއް ނެތި ބޮޑަތި އަދަދުތަކުން ނަގުދު ފައިސާ ބައެއް މެންބަރުންނާއި ހަވާލުކޮށް ބައެއް މެންބަރުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

އަދި ކައުންސިލްގެ މާލިއްޔަތުން މެންބަރުންނާ މުވައްޒަފުންނަށް 'އިން-ކައިންޑް'ގެ ގޮތުގައި ފައިސާއާއި ތަކެތި ދިނުމާއި ކައުންސިލްގެ މެންޑޭޓްގައި ނުހިމެނޭ ކަންކަމަށް ބޮޑެތި އަދަދުތަކުން ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ލިޔެކިއުންތައް ބެލެހެއްޓުމުގައި ކައުންސިލަރުން އިހުމާލުވެފައިވާ ކަމަށް އެލްޖީއޭއިން ވަނީ ކަނޑައަޅާފައެވެ.

އަދި ފިނޭންސް މިނިސްޓްރީގެ ހުއްދައަކާއި ނުލާ ކައުންސިލުގެ ބަޖެޓުން ކައުންސިލް މެންބަރުންނާ މުވައްޒަފުން ޕެޓީ ކޭޝް ގެންގުޅޭ މައްސަލަވެސް މި ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ދުވާފަރު ކައުންސިލުގެ ހިޔާނާތުގައި ހިމެނޭ ކަމަށް އެލްޖީއޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި ބެހުމަށް ހަމަޖެހިފައިވާ 54،608 ރުފިޔާ ކައުންސިލް މެންބަރު ޒުހުދާ އާދާމް އާއި ހަވާލުކޮށްފައިވެއެވެ.

ކައުންސިލް މެންބަރު އައިމިނަތު ސަލާހު އަށް ނަގުދު ފައިސާއިން 35،500 ރުފިޔާ ދީފައިވެއެވެ. އަންހެނުންގެ ކޮމިޓީއަށް 21،981 ރުފިޔާ ދީފައިވެއެވެ.

ކައުންސިލްގެ ނާއިބު ރައީސް އިޒްމީލް އަހްމަދަށް 14،500 ރުފިޔާ ދީފައިވެއެވެ. ކައުންސިލްގެ މަސައްކަތު މީހެއް ކަމަށްވާ ލުޤުމާން އަބްދުއްރަހްމާނަށް 5000، އަދި ކައުންސިލް މެންބަރު އަހްމަދު ސަމޫހަށްވެސް 5000 ރުފިޔާ ދީފައިވެއެވެ.

އަންހެނުން ކޮމިޓީގެ ރައީސް އައިމިނަތު އަހުމަދަށް 2120 ރުފިޔާ އާއި ސަޕޯޓް ސްޓާފް އަބްދުﷲ ނާޝިދަށް 2000 ރުފިޔާ އަދި ކޮންޓްރެޓް މުވައްޒަފެއް ކަމަށްވާ އަހުމަދު ޝާމިލް އަށް 1042 ރުފިޔާ ދީފައިވެއެވެ. މީގެ އިތުރުން ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާއަށް 570 ރުފިޔާދީފައިވެއެވެ.

ދުވާފަރު ކައުންސިލުން 35000 (ތިރީސް ފަސްހާސް) ރުފިޔާއަށްވުރެ ބޮޑު މަސައްކަތްތައް އާންމުކޮށް އިއުލާނު ކުރުމަކާއި ނުލާ މުދަލާއި ހިދުމަތް ހޯދާފައިވާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމށްވެސް އެލްޖީއޭއިން ބުނެއެވެ.

އެލްޖީއޭގެ ރިޕޯޓްގައިވާ ގޮތުން މިގޮތަށް އިއުލާނު ކުރުމަކާއި ނުލާ މަސައްކަތް ކުރުމުގެ ނަމުގައި ކައުންސިލް މެންބަރުންނާއި މުވައްޒަފުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ އެކަމާއި ގުޅޭ އެއްވެސް ލިޔެކިއުމެއް ނެތިއެވެ.
އެގޮތުން އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު އަލިފުޅުގެ އެކައުންޓަށް، ފުރުގާން މިސްކިތުގައި އޭސީ ހަރުކުރުމަށް 35،000 ރުފިޔާ ޖަމާކޮށްފައިވެއެވެ.

ކައުންސިލް މެންބަރު މުހައްމަދު ޝާމްގެ އެކައުންޓަށް ކުޅިވަރު ތަކެތި ގަތުމަށް ކަމަށް ބުނެ 38،720 ރުފިޔާ ޖަމާކޮށްފައިވެއެވެ. ކައުންސިލް މެންބަރު އައިމިނަތު ސަލާހްގެ  އެކައުންޓަށް ހިނަވާގެ މަރާމާތު ކުރުމުގެ ނަމުގައި 35،000 ރުފިޔާ ޖަމާކޮށްފައިވެއެވެ.

އެހެންނަމަވެސް ކައުންސިލުން ބުނީ މިކަންކަމާއި ގުޅޭ ލިޔެކިއުންތަކާއި ތަފްސީލް ކައުންސިލްގައި ހުންނާނެ ކަމަށާއި މިކަން ހިނގި ގޮތުގެ ތަފްސީލް ވަރަށް އަވަހަށް ރައްޔިތުން ހިއްސާ ކުރާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *