އިސްރާއީލުން ފޭރިގެންފައިވާ ވެސްޓް ބެންކްގެ ސިޓީއެއްކަމަށްވާ ނަބުލަސްގައި އިސްރާއިލް ސިފައިން ހިންގި ރެއިޑެއްގައި ފަލަސްތީނުގެ ދެ މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ ޝަހީދުކޮށްލާފައިވަނީ 25 އަހަރުގެ މުހައްމަދު އަޒިޒީ އާއި 28 އަހަރުގެ ރަހްމާން ޖަމަލް ސުލެއިމާން ސޮބްހް ކަމަށެވެ. އަޒީޒީގެ މެޔަށް ވަޒަން އަރާފައިވާއިރު ސުލެއިމާންގެ ބޮލަށް ވަޒަން އަރާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ. އަދި އިތުރު ހަމީހަކަށް އަނިޔާވެފައިވާ ކަމަށާއި، އޭގެ ތެރެއިން ދެމީހެއްގެ ހާލަތު ސީރިއަސް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އިސްރާއިލް ސިފައިން ބުނީ ނަބުލަސް ގައި އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔަކަމަށެވެ. އެހެންނަމަވެސް ފަލަސްތީނުގެ ބަޔަކަށް އަނިޔާވިކަމުގެ ރިޕޯޓްތަކާއި ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނެއެވެ.
އިޒްރޭލްގެ އިސްތިމާރީ ސިފައިންގެ ހަމަލާތަކުގައި މާޗް މަހުން ފެށިގެން މިހާތަނަށް 52 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ޝަހީދުވެފައިވަނީވެސް ވެސްޓް ބޭންކުގައެވެ. އިޒްރޭލް ސިފައިންގެ ހަމަލާތަކުގައި ޝަހީދުކޮށްލި އަލް ޒަޖީރާގެ ނޫސްވެރިޔާ ސީރީން އަބޫ އަހްލެއަށްވެސް ހަމަލާދިނީ ވެސްޓް ބެންކުގައެވެ.
އިސްރާއިލްގެ ސެކިއުރިޓީ ފޯސަސް އިން ވަނީ ފާއިތުވި މަސްތަކުގައި ދުވާލަކު އެއްފަހަރު ކަހަލަ ގޮތަކަށް ވެސްޓް ބެންކްގައި ބަލާ ފާސްކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމުގެ އޮފަރޭޝަނެއް ލޯންޗްކޮށްފައެވެ.
ހަމަ މި މުއްދަތުގެ ތެރޭގައި ފަލަސްތީނުގެ އާންމުން ދިން ހަމަލާތަކުގައި އިސްރާއީލްގެ 19 މީހަކު ވަނީ މަރާލާފައެވެ.