ދުވާފަރު ކައުންސިލް އިދާރާ

ދުވާފަރު ކައުންސިލުން ޒަކާތު ފައިސާއަށް އަށް ހިޔާނާތްތެރިވެ ހިންގި ޖަރީމާ ސާފުކޮށް ރައްޔިތުންނަށް ކިޔައިދީ އެކަން ކުރި ފަރާތްތަކަށް އަދަބު ދިނުމަށް އެރަށުގެ ރައްޔިތުން ގޮވާލައިފިއެވެ.

ލޯކަލް ގަވްމެންޓް އޮތޯރިޓީން ނެރެފައިވާ  ރިޕޯޓްގައި ބުނެފައިވަނީ ދުވާފަރު ކައުންސިލުން  މާލިއްޔަތު ގާނޫނާއި ގަވާއިދާއި ހިލާފަށް ލިޔެ ކިއުމެއް ނެތި 2 މިލިއަނަށްވުރެ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާކަމަށެވެ.

ކައުންސިލުން މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318،600 (ތިން ލައްކަ އަށާރަހާސް ހަސަތޭކަ) ރުފިޔާ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އެ ރިޕޯޓްގައިވެއެވެ.

އަދި ފިތުރު ޒަކާތް ދިނުމަށް ބޭނުންވާ 54،608.08 (ފަންސާސް ހަތަރު ހާސް ހަ ސަތޭކަ އަށް ރުފިޔާ އަށް ލާރި) ކައުންސިލް މެންބަރު ޒުހުދާ އާދަމް އާއި ނަގުދު ފައިސާއިން ހަވާލުކޮށްފައިވެއެވެ. އެހެންނަމަވެސް އެ ފައިސާ ލިބެންވާ ފަރާތްތަކަށް ދީފައިވާކަން އެއްވެސް ލިޔެކިއުމަކުން ކަށަވަރު ކުރެވެން ނެތްކަމަށް އެލްޖީއޭގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ރަށުގެ ބައެއް އާންމުން އަންނަނީ ކައުންސިލުން ހިންގި މި އަމަލު ރައްޔިތުންނަށް ސާފުކޮށް ކިޔައިދިނުމަށް އެދިފައެވެ. މުޅި ކައުންސިލް ފެއިލްވުމުގެ ކުރިން ކަންކަން ހިނގި ގޮތް ސާފުކޮށްދީ ނުގަވާއިދުން އަމަލުކުރި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ރައްޔިތުން ގޮވާލައެވެ. އަދި ކައުންސިލުން ވަގަށް ނެގި ފައިސާތައް އަނބުރާ ހޯދުމަށްވެސް ރައްޔިތުން ވަނީ ގޮވާލާފައެވެ.

އެލްޖީއޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން 2 ޖެނުއަރީ 2022 އިން 30 މެި 2022 އަށް އެއްވެސް ލިޔެކިއުމެން ނެތި ނަގުދު ފައިސާ ހަވާލުކޮށްފައިވާ ކަމަށް ތިޖޫރީއަށް ވެއްދި އަދި ނެރުނު ފައިސާގެ ލިޔެކިއުންތަކުން ފާހަގަ ކުރެވިފައިވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލުގެ ބައެއް މުވައްޒަފުންވެސް ހިމެނެއެވެ.

އެލްޖީއޭ އިން އާންމުކޮށްފައިވާ ރިޕޯޓްގެ ސްކްރީން ޝޮޓެއް

މިމައްސަލައާއި ގުޅިގެން ރައްޔިތުންގެ ފާޑުކިއުންތަކަށް ސޯޝަލް މީޑިއާގައި ޖަވާބުދެއްވަމުން ދުވާފަރު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު އަލިފުޅު ވިދާޅުވީ ކައުންސިލުން ކޮށްފައިވާ ހުރިހާ ހަރަދަކީ ރައްޔިތުންނަށް އެކި ބޭނުންތަކަށް ކޮށްފައިވާ ހަރަދުތައް ކަމަށާއި ހުރިހާ ހަރަދެއްގެ ތަފްސީލުވެސް ހުންނާނެ ކަމަށެވެ.

ކޮވިޑްގެ ދުވަސްވަރު ބޭންކަށް ގޮސް ފައިސާގެ މުއާމަލާތްކުރުން ބަންދުވެ އެހެން ގޮތެއް ނެތިގެން ކައުންސިލް މެންބަރުން އެކައުންޓަށް ފައިސާ ޖަމާކޮށްގެން ކަންކަން ކުރީ އެއްވެސް ހިދުމަކަށް ބުރޫނާރާ ގޮތަށް ކަންކަން ކުރުމުގެ ބޭނުމުގައި. އެލްޖީއޭއިން ރިފޯޓް ނެރުނީ އެކަމުގެ ހަޤީގަތް ނުހޯދާ. ޒަކާތު ފައިސާ މުވައްޒަފުންގެ އެކައުންތަށް ޖަމާކުރީ ބޭންކުން އެނޫން ގޮތަކަށް ފައިސާ ދޫ ނުކޮށްގެން. އެ ފައިސާ ހައްގުވެރިންނަށް ބަހާދީ ސޮއިކުރުވި ރިޕޯޓް އިސްލާމިކް މިނިސްޓްރީއަށް ފޮނުވިން"

އެލްޖީއޭގެ ރިޕޯޓްގައިވާ ހުރިހާ ކަމެއްގެ ތަފްސީލް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފައިސާއަށް ހިޔާނާތްތެރިވި ކަމަށް އެލްޖީއޭގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކައުންސިލް މެންބަރުންގެ ތެރެއިން މަރްޔަމް ޔަޝްފާ ވިދާޅުވީ އޭނާއަށް ލިބިފައިވާ 570 ރުފިޔާއަކީ ރޯދަމަހު ދުވާފަރުގައި ތަރާވީހު ނަމާދު ކުރަން ގެނައި އިންޑިއާ އިމާމު ބަލިވެގެން ޑޮކްޓަރަށް ދެއްކުމާއި ބޭސްފަރުވާއަށް ހަރަދުކުރި ފައިސާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ބިލްތައް ރިސެޕްޝަނާއި ހަވާލުކޮށް އެންޓްރީ ކޮށް ބަޖެޓް ސެކްޝަނާއި ހަވާލުކުރެވިފައިވާނެ ކަމަށެވެ.

އެލްޖީއޭގެ ރިޕޯޓްގައިވަނީ ދުވާފަރު ކައުންސިލުން ލާމަރުކަޒީ ގާނޫނާއި، ދައުލަތުގެ މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި، ސިވިލްސާވިސް ގަވާއިދާއި، ކައުންސިލްގެ މާލީ އަދި އެހެނިހެން ކަންކަމާއި ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަމުން ނުދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ކައުންސިލަރުންގެ ޒިންމާތައް އަދާކުރުމުގައި ފަރުވާކުޑަކުރެވިފައިވާ ކަމަށާއި، ކައުންސިލުން ބަލަހައްޓަން ޖެހޭ އެއްވެސް ލިޔެކިއުމެއް ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ބަލަހައްޓަމުން ނުދާ ކަމަށެވެ.

މީގެ އިތުރުން ރިޕޯޓްގައިވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް މެންބަރުންނާއި  ކައުންސިލްގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ފައިސާ ޖަމާކޮށް ނަގުދު ފައިސާއިން ހަވާލުކޮށްފައިވަނީ އެއްވެސް ލިޔެކިއުމެއް އަދި ހުއްދައެއް ނެތި ކަމަށެވެ.

ކައުންސިލުން ފައިސާއަށް އިހުމާލުވަމުންދާކަމުގެ އަޑުތައް މީގެ ކުރިންވެސް ދުވާފަރުގައި ގަދަވިއެވެ. ބައެއް ކައުންސިލު މެންބަރުންގެ އަމިއްލަ ކަންކަމަށް ހަރަދުކުރުމަށް ބަޖެޓުން ފައިސާ ނަގާކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް ކައުންސިލުން އެކަމާިއ ބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *