ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ މަންކީ ޕޮކްސް (މަކުނު ވިދުރި) އަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބައިނަލްއަގްވާމީ ކަންބޮޑުވުމެއް ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްއިއްޔާ (ޑަބްލިއު އެޗް އޯ) އިން ކަނޑައަޅާއިފިއެވެ.
2020 ވަނަ އަހަރުގެ ޖެނުއަރީގައި ކޮވިޑް-19 ގެ ބަލިމަޑުކަމަށްވެސް އެ އިދާރާއިން ނިންމެވީ ހަމަ މި ނިންމެވުމެއެވެ.
މިހާތަނަށް 70 އަށް ވުރެ ގިނަ ގައުމުން މަންކީ ޕޮކްސް ފެނިފައިވާއިރު މި ބަލިމަޑުކަމާއި ދެކޮޅަށް ވެކްސިން އާއި ފަރުވާ ގައުމުތަކުގެ މެދުގައި ހިއްސާ ކުރުމަށް ފަންޑު ކުރުމާއި ބައިނަލް އަގްވާމީ އެއްބާރުލުން ބޭނުން ވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.
މަންކީޕޮކްސް އަށް ޑޮކްޓަރުންނާއި ހޮސްޕިޓަލްތަކުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް ސަސްޕެކްޓް ކުރެވޭ ކޭސްތަކާއި މެދު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޑަބްލިއު އެޗްއޯއިން ވަނީ ގައުމުތަކުގެ ސަރުކާރުތަކަށް އިލްތިމާސް ކޮށްފައެވެ. އަދި އާންމުންނަށް މި ބައްޔާއި ގުޅޭ މައުލޫމާތު ފޮރުކޮށްދިނުމާއި މި ބަލިން ރައްކާތެރިވާނެ ގޮތްތައް ބުނެދިނުމަށް އެދިފައިވެއެވެ.
ބައިނަލްއަގްވާމީ ހެލްތް އިމަޖެންސީއެއްގެ ގޮތުގައި މަންކީޕޮކްސް ފެތުރުން ކަނޑުއެޅުމަށް ނިންމެވީ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑެޓްރޮސް އަދަނޮމް ގެބްރޭޔެސަސްއެވެ. މި ނިންމެވުމަކީ އދ ގެ ހެލްތް އެޖެންސީގެ އިމަޖެންސީ ކޮމިޓީގެ ތަޖްރިބާކާރުންގެ މެދުގައި މިކަމާއި މެދު އެއްބަސްވުމަކަށް ނާދެވުމުންނެވެ. މިއީ އދގެ ހެލްތް އެޖެންސީގެ ވެރިޔާ މިފަދަ ފިޔަވަޅެއް އެޅުއްވި ފުރަތަމަ ފަހަރެވެ.
ޖެނީވާގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ޓެޑްރޮސް ވިދާޅުވީ ހެލްތް އިމަޖެންސީއެއް ކަމުގައި މަންކީ ޕޮކްސް ފެތުރުން ކަންޑައެޅުމަށް ކޮމިޓީގެ މެންބަރުންނަށް އެއްބަވުމަކަށް ނާދެވުނު ކަމަށާއި، ހެލްތް އިމްޖެންސީއެއް ކަމަށް ކަނޑައެޅުމަށް އެއްބަސްލެެއްވީ ހަ މެންބަރުން ކަމަށެވެ. އަދި އަނެއް ނުވަ މެންބަރުން މިކަމާއި ދެކޮޅު ހެއްދެވި ކަމަށެވެ.
'އިމަޖެންސީ އޮފް އިންޓަނޭޝަނަލް ކޮންސާން' ނުވަތަ ބައިނަލްއަގްވާމީ ކުއްލި ކަންބޮޑުވުމުގެ ގޮތުގައި މަންކީޕޮކްސް ކަނޑައަޅާފައިވާއިރު ޑެޓްރޮސް ވިދާޅުވީ 75 ގައުމަކުން މިހާތަނަށް 16،000 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާއި މި ބަލި ޖެހިގެން ފަސް މީހުން މިހާތަނަށް މަރުވެފައިވާ ކަމަށެވެ. ބައިނަލްއަގްވާމީ އިމަޖެންސީއަކީ ޑަބްލިއުއެޗްއޯގެ އެންމެ މަތީ ލެވެލްގެ އެލާޓެކެވެ.
ޑަބްލިއު އެޗްއޯގެ އިމަޖެންސީސް ޗީފް، ޑޮކްޓަރ މިޝޭލް ރަޔަން ވިދާޅުވީ ޑިރެކްޓަރ ޖެނެރަލްގެ ނިންމެވުމަކީ މަންކީޕޮކްސް އައުޓްބްރޭކް ސީރިއަސްކޮށް ނެގުމަށް ގައުމުތަކަށް ބާރު އެޅުއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.
މަންކީޕޮކްސް އަކީ ގައިން ގަޔާ ނުރައްކާތެރި ބައްޔެއް ކަމަށްވާއިރު މި ބަލި ޖެހޭ މީހުންގެ ބޮޑޫ އާބާދީ އަކީ އެއްޖިއްސުން ގުޅުންހިންގާ މީހުން ކަމަށް ޤައުމުތަކުން ބުނެއެވެ. އެގޮތުން އެމެރިކާގައި މި ބަލި ޖެހުނު މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ އެލްގީބީޓީ ކޮމިއުނިޓިގެ މީހުންނެވެ. ދެކުނު އޭޝިއާ ސަރަހައްދުން މަންކީ ޕޮކްސް ފެނުނު ފުރަތަމަ ގައުމަކީ އިންޑިއާއެވެ. އިންޑިއާއިން މިހާތަނަށް 3 މީހަކަށް މި ބަލި ޖެހިގެން ރިޕޯޓް ކޮށްފައިވެއެވެ.